ފެނަކަ ކޯޕަރޭޝަނުގެ 4 ބިލިއަން ރުފިޔާގެ ދަރަނީގެ ވާހަކައަކީ ހަސަދަވެރި ރޭވުމެއް: ފެނަކަ

ފެނަކައިގެ 4 ބިލިއަން ރުފިޔާގެ ދަރަނީގެ ވާހަކައާއި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ފެތުރޭ ހަބަރަކީ ހަގީގަތާ ހިލާފު ހަބަރެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަނުން މިހެން ބުނެފައިވަނީ ފެނަކަ ކޯޕަރޭޝަނާ ގުޅޭގޮތުން ނޫހެއްގައި އޮތް ޚަބަރަކަށް ރިއާޔަތްކޮށް އެއީ ހަގީގަތާ މުޅިން ހިލާފަށް، އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ހަސަދަވެރި ނިޔަތެއް އޮވެގެން، ކުންފުނީގެ ނަން ކިލަނބުކޮށް، ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި، ރޭވުމެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމުގައި ތުހުމަތު ކުރަމުންނެވެ.
މިކަން ހާމަކޮށް އެ ކުންފުނިން ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ ”އެއީ އެއްވެސް އަސާސެއް ނެތް ވާހަކައެއް. އެފަދަ ވާހަކަތައް ފަތުރަނީ ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ހަސަދަވެރި ނިޔަތެއް އޮވެގެން ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލަން. އެއްވެސް ޒިންމާދާރުކަމެއް ނެތި ރޭވުމެއްގެ ތެރެއިން“ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަނުގެ ދަރަނި 4 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާކަމަށާއި، އެކުންފުނިން ފައިސާ ދޭންޖެހި ނުދީ ހުރި އަމިއްލަ ވިޔަފާރިތަކުގެ އަދަދު 1،149 އަަށް އަރާކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ.