ދައުލަތުގެ ބަޖެޓަށް 17.2 ބިލިއަން ރުފިޔާ ދަރަންޏަށް ހޯދަންޖެހޭ
ބަޖެޓުގެ ހިސާބުތަކުން ދައްކާގޮތުގައި، 2024ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް 17.2 ބިލިއަން ރުފިޔާ ދަރަންޏަށް ހޯދަންޖެހެއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ޚަރަދުތައް ފޫބެއްދުމަށް ދަރަންޏަށް ހޯދަންޖެހޭ 17.2 ބިލިއަން ރުފިޔާގެ ތެރެއިން، 4.6 ބިލިއަން ރުފިޔާއަކީ މަޝްރޫޢުތައް ހިންގުމަށް މިހާރުވެސް ހަމަޖައްސާފައިވާ ފައިސާގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިގެންދާނެ ފައިސާއެވެ. 2024ވަނަ އަހަރު ރާއްޖޭގެ ބާޒާރުން ދަރަންޏަށް 4.8 ބިލިއަން ރުފިޔާ ހޯދުމަށް ބަޖެޓުގައި ހިމަނާފައިވާއިރު އެއީ ޓްރެޝަރީ ބޮންޑު ފަދަ ސެކިއުރިޓީސް އިޝޫކޮށްގެން އަދި ޓީބިލު ވިއްކައިގެން ހޯދަންޖެހޭނެ ފައިސާއެވެ.
މާނައަކީ ދައުލަތުގެ ބަޖެޓަށް އިތުރަށް 6.9 ބިލިއަން ރުފިޔާ ބޭރުގެ އެކި ފަރާތްތަކުން ކޮންސެޝަނަލް ލޯނު ނުވަތަ ލުއި ލޯނުތަކުގެ ގޮތުގައި ހޯދަންޖެހޭނެކަމެވެ.
އަންނަ އަހަރު އެންމެ ބޮޑު އަދަދެއްގެ ފައިސާ ދަރަންޏަށް ދޭނެކަމަށް ލަފާކޮށްފައިވަނީ ސައުދީ އަރަބިއްޔާއިންނެވެ. އެ ޤައުމުން ދަރަނީގެ ގޮތުގައި 318 މިލިއަން ރުފިޔާ ހޯދުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ. އަދި އަބޫދާބީ ފަންޑުން 144 މިލިއަން ރުފިޔާއާއި ކުވައިތުން 278 މިލިއަން ރުފިޔާ ދަރަންޏަށް ހޯދަން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ބޭރުގެ ބޭންކުތަކާއި މާލީ އިދާރާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ ތެރެއިން އެންމެ ބޮޑު އަދަދަކަށް ފައިސާ ނަގަން ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. އިންޑިއާގެ އެގްޒިމް ބޭންކުން މި އަހަރު 2.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރިއިރު އަންނަ އަހަރު 2.3 ބިލިއަން ރުފިޔާ އެ ބޭންކުން ހޯދަން ބަޖެޓުގައި ވަނީ ހިމަނާފައެވެ. ހަމަ އެހެންމެ، އައިއެންޖީ ބޭންކުން 253 މިލިއަން ރުފިޔާ ދަރަންޏަށް ނެގުމަށް ވަނީ ނިންމާފައެވެ.
2024ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓަކަށްވާއިރު، ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި އަންނަ އަހަރު ހިނގާނެކަމަށް އަންދާޒާކުރާ ޚަރަދުގެ ފަރަގު އުޅެނީ 13.8 ބިލިއަން ރުފިޔާގައެވެ.