ޚަބަރުސިޔާސީ

ޑރ.މުޢިއްޒު ވަކި ކޮޅަކަށް ނުޖެހޭނެ: ރައީސް ނަޝީދު

އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުޢިއްޒު ވަކި ކޮޅަކަށް ނުޖެހޭނެކަމަށާއި، އެއީ ޤައުމީ ވަންތަ ރައީސެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި ވެރިރަށް ކޮލަމްބޯގައި އޮތް ޖިއޯ ޕޮލިޓިކް އިވެންޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ފާއިތުވި ސަރުކާރުތަކުން އެކި ޤައުމުތަކާއެކު ޚާއްސަ ގުޅުން ބާއްވާފައިވާކަމެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއެކު ގާތް ގުޅުމެއް ބޭއްވިއިރު ރައީސް އިބްރާހިމްގެ ސަރުކާރުން އިންޑިޔާއާއެކު ހާއްސަ ގުޅުމެއް ބޭއްވިކަން ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ނަމަވެސް އިންތިޚާބީ ރައިސް ޑރ. މުޢިއްޒު އެއްވެސް ޤައުމަކަށް ވަކި ޚާއްސަ ކަމެއް ނުދެއްވާނެކަމާއި އެއީ”ޕްރޯ މޯލްޑިވްސް“ ބޭފުޅެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކުން ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް ދަނީ އަމާޒު ވަމުންނެވެ. ޑރ.މުއިއްޒުގެ ވެރިކަން އަދި ފެށިފައި ނުވާއިރު ވެސް ގައުމުތަކުގެ މެދުގައި ތަފާތުކުރުން އޮތްކަން ފާހަގަ ކުރަމުންދެއެވެ. މިގޮތުން އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް އިންޑިއާއަށް ދައުވަތު ދެއްވިކަމުގެ އަޑުތައް ފެތުރިފައިވާއިރު އެހެން ގައުމަކަށް މި ދައުވަތު ދެވިފައިނުވާކަމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.

މީގެ އިތުރުން ރައީސް ނަޝީދު މަގާމުތަކާއި ބާރުތަކުގެ ދަހިވެތިކަމުގައި ޑރ.މުއިއްޒު ’ގޯނި ފުލަށް‘ ލުމަށް ’މޮޅެތި‘ ވާހަކަތައް ދައްކަނީ ކަމުގައި ވެސް ސޯޝަަލްމީޑިއާގައި އަޑުތައް ފެތުރެމުންދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button