ޚަބަރުސިޔާސީ

ޑރ.މުއިއްޒު ޓެސްޓުން ފާސްނުވާނެއޭ ބުނެ ސުވާލު އުފައްދާނެ ކަމެއް ނެތް: ރައީސް ޔާމީން

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާ ހިސާބުން ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށާއި އެމަނިކުފާނު ފެއިލްވާނެ ކަމަށް ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ކަމަށް ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ރަށު ބަންދަށް ރައީސް ޔާމީން ބަދަލުކުރި ފަހުން ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށްފަހު އާންމުންނާއި ސަލާން ކުރައްވަން އެމަނިކުފާނު އުޅުއްވަނިކޮށް ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، މުއިއްޒުގެ ކުރިފުޅުމަތީގައި އޮތް އިމްތިހާނުން ފާސްވާނެ ކަމާއިމެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ކަމަށެވެ.

ޑރ.މުއިއްޒުގެ ވެރިކަމެއްގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ނުކުރެވިއްޖެނަމަ އަދި މިސަރުކާރުން ވިއްކާލި ދެކުނުގެ މަސްކަނޑު އަނބުރާ ނުހޯދިއްޖެނަމަ، އެމަނިކުފާނު ޓެސްޓުން ފާސްނުވިކަމަށް ބަލައި، އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް ނިކުންނަވާނަންތޯ ރައީސް ޔާމީނާ ސުވާލު ކުރުމުން އެމަނިކުފާނު ވަނީ ނޫސްވެރިޔާ އާއި އިތުރު ސުވާލު ތަކެއް ކުރިމަތިކުރުވާފައެވެ.

”ކާކު ބުނީ ފާސްނުވާނެއޭ. ނޫސްވެރިން ތިސުވާލު ނުކުރޭ. ކަލޭމެންވެސް ފެއަރވޭ. ކަލޭމެން ގައުމީ ހައްގުގައި މަސައްކަތް ކުރޭ. ތިސުވާލުކުރޭ މިހާރު ހުރި ރައީސާ.  އަހަރެމެންގެ ރައީސަށް އޮތީ ބޮޑު ޒިންމާއެއް މި ރައީސް ހެދި ގޯހުން. އެ ރައީސް (މުއިއްޒު) އެކަން ނުކޮށްފިއްޔާ ކީއްހޭ ކުރާނީ. ބަތް ކައްކާ ކުޅިއެއް ނުކުޅެވޭނެ ރައީސް ޔާމީނާ. ރައީސް ޔާމީނާއި، ރައީސް ޔާމީން ބައިވެރިވާ ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި.“ ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ވާހަކަފުޅު ނިންމަވާލެއްވީ އެ ސުވާލު އެމަނިކުފާނާއިވެސް އަދި ޕީޕީއެމް ޕީއެންސީ އާއި ނުކުރެވޭނެކަން އިއުލާން ކުރައްވަމުންނެވެ.

ޑރ.މުއިއްޒު ވެރިކަމަށް އިންތިހާބުވުމާއި ގުޅިގެން ރައީސް ޔާމީނަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަނީ އެމަނިކުފާނުގެ ގެކޮޅުގައެވެ. އަދި މިހާރު އެމަނިކުފާނު ހުންނެވީ ރަށު ބަންދު ގައެވެ. މުއިއްޒު ހުވާކުރުމަށްފަހު އެމަނިކުފާނު އެންމެ ހާއްސަކަމެއް ދެއްވާފައިވަނީ ޝަރުއީ ކޯޓު ތަކުގެ ހަމަތަކާއި އިމުގެ ތެރެއިން ރައީސް ޔާމީންގެ ޖަލު ހުކުމް ބާތިލް ކުރުމެވެ.

ރައީސް ޔާމީނަށް ހުކުމް ކުރި ބައެއް ފަނޑިޔާރަކަށް ޑަބަލް ޕްރޮމޯޝަން ދީފައިވާއިރު، ޔާމީނަށް ހުކުމް ކުރި އިތުރު ފަނޑިޔާރަކު ވަނީ އިންތިހާބުން ރައީސް ސޯލިހު ފެއިލް ވެފައިވާ ދަނޑިވަޅެއްގައި އިސްތިއުފާ  ދެއްވަން ނިންމަވާފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button