ޚަބަރު

ސަޕްލިމަންޓަރީ ބަޖެޓު ބަދަލުކުރާނީ ޑރ.މުޢިއްޒުގެ 100 ދުވަހުގެ ޕްލޭނާ އެއްގޮތަށް!

ސަރުކާރުން ހުށަހަޅާ ސަޕްލިމަންޓަރީ ބަޖެޓަށް ބަދަލުތަކެއް ގެންނަން ހުށަހަޅާފައިވާކަމަށް އިންތިޤާލީ މަރުހަލާގައި އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން އިސްކޮށް މަސައްކަތްކުރައްވާ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންޒިޝަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މި ބަދަލު ގެންނަން ހުށަހަޅާފައިވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް އެކަށައަޅުއްވާ ޕްލޭނާ އެއްގޮތަށް ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ސަޕްލިމަންޓަރީ ބަޖެޓުގެ މަސައްކަތްކުރަމުންދާއިރު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ކަންކަމުގެ ޕްލޭން ތައްޔާރު ކުރައްވަމުން ކަމަށް ވިދާޅުވެ، އެ ޕުލޭނަށް ފަހިވާނެ ގޮތަށް ސަޕްލިމަންޓަރީ ބަޖެޓަށް ބަދަލުތަކެއް ގެނައުމަށް ބޭނުންވާނެ ކަމަށް ވެސް ވަނީ މައުލޫމާތު ދެއްވާފައެވެ.

މި ބަޖެޓުގެ މަސައްކަތަށް ޑރ.މުޢިއްޒު ވަނީ ކޮމިޓީއެއް އެކުލަވާ ލައްވައި، ކޮމިޓީގައި ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ޤާބިލު ބޭފުޅުން ހަމަޖައްސަވާފައެވެ. އެގޮތުން އެ ޓީމުގައި ކުރީގެ މާލީ ވަޒީރަކާއި މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރަކާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރެއް އަދި ކުރީގެ އިޤުތިޞާދީ ވަޒީރެއް ހިމެނިވަޑައިގަންނަވާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ ސަޕްލިމަންޓަރީ ބަޖެޓާ ގުޅޭ ގޮތުން ކުރާ މަސައްކަތުގައި އިސްކަންދެއްވަނީ ޑރ.މުޢިއްޒުގެ 100 ދުވަހުގެ ޕްލޭނުގައި ހުރި ކަންކަން ހާސިލުކުރުމަށްޓަކައި އެ ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ގެންނަވާނެ ބަދަލުތަކަކީ ރިޔާސީ އިންތިޚާބުގައި ޑރ.މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ކަމުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button