
ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށް، ވޯޓު ދީފިނަމަ، ސިފައިންގެ ބަނޑޭރި ކޮށީގައި ހުސްކޮށް ހުރި އެކޮމޮޑޭޝަން ބްލުކުން ސިފައިންގެ އޮފިސަރުންނަށް ތަންތަން ދޭނެކަމުގެ މުއުތަބަރު މައުލޫމާތެއް ”ބޮންތި“ ނޫހަށް ލިބިއްޖެއެވެ.
އެނގިފައިވާގޮތުގައި ބަނޑޭރި ކޮށީގެ އިތުރުން ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ސިފްކޯ މެދުވެރިކޮށް ހުޅުމާލޭގައި ހަދަން ފެށި ސިފައިންގެ ފްލެޓްތައްވެސް ވަނީ މިގޮތަށް ބަހަން ނިންމާފައެވެ. އެގޮތުން ފްލެޓް ލިބުނު ބައެއް އޮފިސަރުންނަށް ވަކިވަކިން ގުޅައި، ބައްދަލުކުރުމަށްފަހު ރައީސް އިބްރާހީމަށް ވޯޓު ދޭން އެއްބަސްވެއްޖެނަމަ، ފުލް ފިނިޝިންގ ހަދައި ނިންމުމަށްފަހު ފެލްޓް ވަގުތުން ހަވާލުކުރާނެ ކަމަށް އެމްއެންޑީއެފްގެ އިސްވެރިން ދަނީ ވައުދު ވަމުންނެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފާ ސުވާލު ކުރުމުން ހަބަރު ޝާއިކުރުމާ ހަމައަށް އެއްވެސް ޖަވާބެއް ނުދިނެވެ.