
ސެޕްޓެމްބަރު 9 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވި ޕީއެންސީގެ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އަށް ތާއީދުކުރެއްވުމަށް އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފިއެވެ.
ޕީޕީއެމުން ރަސްމީކޮށް އެކަން މިހާރު އިއުލާން ކޮށްފައިވާއިރު، މުއިއްޒު ވަނީ މިއަދު ހެނދުނު އެމަނިކުފާނުގެ ރަނިންގމޭޓުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އާއި އެކު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ފޯމު ހުށަހަޅުއްވާފައެވެ. އެކަމުގެ ސުންގަޑިއަކީ މިއަދު މެންދުރު ފަހު 14:30 އެވެ.
ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނެކަން އިއްޔެގެ ސުޕްރީމް ކޯޓުގެ ހުކުމުން ކަށަވަރުވުމާގުޅިގެން އެމަނިކުފާނު ވަނީ ހާއްސަކޮށް ޕީޕީއެމަށް މެސެޖެއް ދެއްވާފައެވެ. އެ މެސެޖުގައިވަނީ، ސުޕްރީމް ކޯޓުން ޔާމީންގެ އިންތިހާބީ ހައްގު ނިގުޅައިގަތުމަކީ ނާއިންސާފު ކަމަށް ގަބޫލުކުރާނަމަ، ޕީޕީއެމުން އިންތިހާބު ބޯއިކަޓް ކުރުމަށެވެ. އެކަމަކު ސީދާ މުތުލަގަށް ޕީއެންސީގެ ނަން ވިދާޅުވިޔަސް އެކަމަށް ވޯޓަށް އަހަން އިއްޔެ ޕީޕީއެމުން ބޭއްވި ސެނެޓް ބައްދަލުވުމުގައި ޕީއެންސީގެ ސެނެޓުންވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން ދެޕާޓީގެ ސެނެޓަށް ގަބޫލުކުރެވުނީ އިންތިހާބު ބޯއިކަޓް ނުކޮށް ޔާމީންގެ ލަފަޔަކަށް އަނެއްކާވެސް ފޮނުވާށެވެ. އެގޮތަށް ނިންމީ 67 ސެނެޓަރުންނެވެ. ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބޯއިކަޓް ކުރަން ނިންމީ 47 ސެނެޓަރުންނެވެ. ބޯއިކަޓް ނުކުރަން ނިންމި ސެނެޓަރުންނެބެ ދެކޭގޮތުގައި އެގޮތަށް އެކަން ކޮށްފިނަމަ، ކެންޑިޑޭޓަކު ނުނެރެ، އެތައް ހާސް ސަޕޯޓަރުންނެއް މަގުމަތީ ވެގެން ދާނެއެވެ.