މިއަހަރުގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުން ޖުލައި 31 ގައި
މާލެ ސިޓީ ރައްޔިތުންގެ މިއަހަރުގެ 2 ވަނަ ބައްދަލުވުން މިމަހުގެ 31 ވަނަ ދުވަހު ބާއްވަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 110 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. ޤާނޫނުގައި ބަޔާންކުރާ އަހަރަކު ބާއްވަންޖެހޭ ދެ ބައްދަލުވުމުގެ ތެރެއިން ދެވަނަ ބައްދަލުވުން ބާއްވާނެ ތާރީޚު ކަނޑައެޅުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ 110 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ވަނީ މަޝްވަރާކުރެވިފައެވެ. އަދި މި ތާރީޚުގައި ޖަލްސާ ބޭއްވުމަށް މިއަދުގެ ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ޤާނޫނީ ޢިޖްރާޢަތްތައް ފުރިހަމަ ކުރުމުގެ ގޮތުން ބައްދަލުވުން ބޭއްވުމަށް ނިންމެވި ކަމުގައިވިޔަސް ކައުންސިލް ގެ މަޤްޞަދަކީ ރައްޔިތުންނާއި ކައުންސިލާއި އޮންނަ ގުޅުން ބަދަހި ކުރުމާއި އެކު، މުޅި މާލެ ސިޓީ ތަމްސީލްވާނެހެން މާލޭގެ ކޮންމެ އަވަށަކަށް ނިސްބަތްވާ ރައްޔިތުންނާއި އެކު މި ބައްދަލުވުން ކުރިއަށް ގެންދިއުމެވެ.
މިފަހަރުގެ ރައްޔިތުންގެ ބައްދަލުވުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާ ރައްޔިތުން ބޭނުންވާ ކަންކަން ޑރ. މުޢިއްޒު އަދި ކައުންސިލަރުންނާއި ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ.
ލާމަރުކަޒީ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން މީގެ ކުރިންވެސް ރައްޔިތުންގެ ބައްދަލުވުންތައް ސިޓީ ކައުންސިލުން ބާއްވާފައިވާއިރު، އެ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމާއިއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ.