ކަލާފާނުގައި ކިޔަވައިދިން އިންޑިޔާ ޓީޗަރަކު ވަގު ސެޓްފިކެޓްގެ މައްސަލައިގައި ހައްޔަރުކޮށްފި

މާލޭގެ ކަލާފާނު ސްކޫލްގައި ކިޔަވައިދެމުން ދިޔަ އިންޑިޔާގެ ޓީޗަރަކު ވަގު ސެޓްފިކެޓެއްގެ މައްސަލައިގައި ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށް އިންޑިޔާގެ ކޯޓަކުން އަމުރު ކޮށްފިއެވެ.
މިމައްސަލައިގައި ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވަނީ ކަލާފާނު ސްކޫލްގެ ގްރޭޑް 9 ގައި އިކޮނޮމިކްސް ކިޔަވައިދޭ އަބިން ސީ ރާޖް ނަމަަކަށްކިޔާ މީހެކެވެ. އޭނާ ހައަޔަރުކޮށްފައިވަނީ އިންޑިޔާގެ ކެރެލާގެ ޕޮލިހުންނެވެ. ކެރެލާ ޕޮލިހުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ރާއްޖޭގައި ހުރެފައި އިންޑިޔާއަށް އެނބުރި ދިޔަ ވަގުތުއެވެ.
އިންޑިޔާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަބިން ސީ ރާޖް ކެރެލާގެ ފުލުހުން ހައްޔަރުކުރީ ސްޓޫޑަންޓް ފެޑެރޭޝަން އޮފް އިންޑީޔާގެ ކުރީގެ ކެރަލާ އޭރިއާ ސެކްރެޓަރީ ނިކިލް ތޯމަސް ނަމަކަށް ކިޔާ މީހަކު އެމް-ކޮމް ކޯހެއްގެ އެޑްމިޝަންގައި ފޭކު ޑިގްރީ ސެޓިފިކެޓެއް ހުށަހެޅި މައްސަލަގައެވެ.
މިމައްސަލަގައި ނިކިލް ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހާފައިވާ އިރު ފުލުހުން އަބިން ހައްޔަރުކުރީ އެ ސެޓްފިކެޓް ނިކިލްއަށް ވިއްކި މީހަކީ އަބިން ކަމަށް ކޯޓުގައި ނިކިލް ބުނުމުންނެވެ.
ކޯޓުގައި ނިކިލް ބުނެފައި ވަނީ އެ ސެޓިފިކެޓް އޭނާ އަބިން އަތުން ގަތީ 2 ލައްކަ އިންޑިއަން ރުޕީސް ދީފައި ކަމަށެވެ.
އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަލާފާނު ސްކޫލުގެ ގްރޭޑް 9 އަށް އިކޮނޮމިކްސް ކިޔަވައިދެމުން އަންނަ އިންޑިޔާ ޓީޗަރު އަބިން ސީ ރާޖްގެ ވިސާ ކެންސަލްކޮށް ވަޒީފާއިން ކަނޑާލައިފައެވެ. އަދި އެނބުރި އިންޑިޔާއަށް ދިއުމުން، އެއާރޕޯޓުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ނޫސްތަކުގައި ބުނެގައިވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.