ޚަބަރުސިޔާސީ

އަވަށު ސެންޓަރުގެ ތަސައްވުރާއެކު މުއާބެ ކިޔައިދިނީ ކޮލެޓީ ޒުވާން ޖީލެއް ބިނާކޮށް، ދާއިރާ ބަދަލުކުރާނެ ގޮތް!

މިއަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި މައްޗަންގޮޅި ދެކުނު ދާއިރާއަށް ވާދަކުރައްވާ ކްލަބް ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު (މުއާބެ)، ދާއިރާ އާއި މެދު ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވައިފިއެވެ.

ފުޓުބޯޅަައިގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ގްރީން ސްޓްރީޓްސް ކޮޅަށް ޖެއްސެވުމުގެ މުގުލުގައި ހުންނެވި މުއާބެ ”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެންމެ ހާއްސަ އަހައްމިއްޔަތު ކަމެއް އޮންނާނީ އަބަދުވެސް އިސްލާމް ދީނަށް ލޯބިކޮށް، ދީނީ ތަރުބިއްޔަތާ އަހުލާގު ހުރި ޖީލެއް އުފެއްދުމަށް ކަމުގައެވެ.

”މިސްކިތްތަކަށް ހިތްޖެއްސުމަށް ޒުވާނުންނާއި ޅަދަރީން ޝައުގުވެރިވާ ކަހަލަ ގޮތަކަށް ވޯކްޝޮޕްތައް ހިންގާނަން. ގުރުއާން އުނގަންނައިދުނުން މިސްކިތްތަކުގައި ފުޅާވެސް ކުރާނަން.“ މުއާބެ ވިދާޅުވިއެވެ.

ދެން މުއާބެ ފާހަގަކުރެއްވީ މުޅި ”ނަޔާ މައްޗަންގޮޅި“ އަށް ހާއްސަކޮށް، ޒަމާނީ ވަސީލަތްތަކާއެކު ހިންގޭ ފުރަތަމަ އިޖުތިމާއީ ސެންޓަރު ކަމުގައިވާ ”އަވަށު ސެންޓަރު“ ވުޖޫދު ކުރުމުގެ މުހިންމު ކަމެވެ. އެގޮތުން އެއީ ޒުވާނުންގެ ހުސްވަގުތު ހެޔޮ ގޮތުގައި ބޭނުންކޮށް، ހުނަރުވެރިކަމާއި ތަފާތު ފަންނީ ރޮނގުތަކުން ފަހި ފުރުސަތު ޒުވާނުންނަށް ހޯދޭ ތަނަކަށް އެތަން ވެގެންދާނެކަމުގައި މުއާބެ ވިދާޅުވިއެވެ.

”އަދިވެސް ނެތިގެން މިއުޅެނީ ހަގީގަތުގައި އެއްބައެއްވަންތަ ކަމުގެ ވަރުގަދަ ގުޅުން. އެގުޅުން ގާއިމްކުރެވިއްޖެއްޔާ އަޅުގަނޑުމެންގެ މުސްތަގުބަލު އުޖާލާ ކުރާނީ އެކުގައި ކަންކަން ހާސިލް ކުރަން ދަސްކޮށްގެން.“ މުއާބެ ވިދާޅުވިއެވެ.

ދާއިރާގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައި އޮތް، ސަރުކާރާއި އެނޫންވެސް ހިދުމަތް ހޯދުމަށް ދާން ހުންނަ މުހިންމު އިމާރާތްތައް ހުންނަ ސަރަހައްދުގައި،ކާރޫބާރޫ ބޮޑުވުން ކަނޑުވާލުމަކީވެސް މުއާބެގެ އަމާޒެކެވެ. އެގޮތުން ޓްރެފިކަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ބާރު އަޅުއްވައި، އެކަން ހަމަޖެހޭ އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދަވާނެކަމުގައި މުއާބެ ވިދާޅުވިއެވެ.

”ހަމަ އެއާއެކު ނަފްސާނީ ދުޅަހެޔޮކަންވެސް އަޅުގަނޑުމެންގެ ރައްޔިތުންނަށް ބޭނުންވޭ. އެއީ ސަމާސާއަށް ދޫކޮށްލެވ ކަމަކަށް ހަދައިގެން ނުވާނެ. އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހައްސާސީ މައްސަލައެއް.“ މުއާބެ ވިދާޅުވިއެވެ.

އިސްރަށްވެހިންގެ ދިރިއުޅުމަކީ ހިތްފަސޭހަ، ލުއިފަސޭހަ ވެއްޓެއްގައި ގާއިމްކުރެވިފައިވާ ހިތްހަމަޖެހުމެއް ކަމުގައި ކަނޑައަޅައި، އެމަގުން ކަންކަން ތަރުތީބުވެގެންދާނެކަން ފާހަގަކުރައްވައި މުއާބެ ވިދާޅުވީ އުމުރުން ދުވަސްވީ ބޭފުޅުންގެ ހައްގުތައް ކަށަވަރު ކުރެވޭނީ އުމުރުން ހަނގު އުމުރު ފުރާތައް އެކުގައި މަސައްކަތް ކޮށްގެން ކަމުގައެވެ.

”އަޅުގަނޑު ބޭނުންވަނީ މިދާއިރާގެ ޒުވާނުން ނިކުމެ އިސް ރަށްވެހިންގެ ކަންކަމުގައި ދެވެން ހުރި ހުރިހާ ސަޕޯޓެއް ދިނުމަށް. އެ އާދަ އިޔާދަކުރަން އެބަޖެހޭ. ޒުވާނުންނަކީ އޯގާތެރި ބައެއް. އެކަން ސާބިތުކޮށްދެވޭނެ އަދިވެސް.“ މުއާބެ ވިދާޅުވިއެވެ.

މުއާބެ ވިދާޅުވިީ އިޖުތިމާއީ ދުޅަހެޔޮކަމާ އެއްވަރަށް ކުލުނާއި އެއްބައިވަންތަކަން ދާއިރާގައި ދިރުވުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތަކާއި، ވަސީލަތްތައް ގާއިމްކުރައްވާނެ ކަމުގައެވެ.

”މެންބަރު ކަމުގެ ފުރަަތަމަ ދުވަސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ފަށާނީ، ދާއިރާގެ ރައްޔިތުންގެ ލުއި ފަސޭހައަށް އުފައްދާ ޒަމާނީ ހޮޅުއަށި މޯބައިލް އެޕްލިކޭޝަނުން.“ މުއާބެ ވިދާޅުވިއެވެ.

ޒަމާނީ ހޮޅުއަށި މޯބައިލް އެޕްލިކޭޝަންގެ ތަފްސީލް ފަހުން ދެއްވާނެކަމަށް މުއާބެ ވިދާޅުވިއެވެ.

ދާއިރާގެ ރައްޔިތުން ގެދޮރުވެރިކުރުމަށް އެއްވެސް ސިޔާސަތެއް ގެންގުޅުއްވަންތޯ މުއާބެއާއި “ ބޮންތި“ އިން ސުވާލު ކުރުމުން ވިދާޅުވީ އެއީ ސިޔާސަތެއް ނޫން ކަމަށާއި، ވައުދެއްވެސް ނޫން ކަމަށާއި، އެއީ އަސާސީ ހައްގެއް ކަމުގައެވެ. އަދި އެ ހައްގު ހޯދުމަށް ދާއިރާގެ ރައްޔިތުންނާއެކު އެންމެ ކުރީގައި ހުންނަވާނީ މުއާބެ ކަމުގެވެ.

”މިސާލަކަށް މިއީ މައްޗަންގޮޅި ދެކުނު މެންބަރު ކަމަށް ވަންޏާ ދެން ނިންމާ މި މުއާބެ ހުންނާނެކަން މި ދާއިރާގެ ރައްޔިތެއްގެ ކަމެއްގަ ވިއްޔާ އެންމެ ކުރީގަ. އެކަން އަޅުގަނޑު އޮންނާނީ މިވީހާ ތަނަށް ސާބިތު ކޮށްދީފަ. އެއީ ޖަސްޓިފައިކޮށްދޭންޖެހޭ ކަމެއް ނޫން. ދިމާވާ ކޮންމެ ކަމެއްގައި އަދިވެސް މުއާބެ ހުންނާނަން.“ މުއާބެ ވިދާޅުވިއެވެ.

ނިންމާލަމުން މުއާބެ ވިދާޅުވީ ހަރަދެއް ނުކޮށް، ދާއިރާގެ ޒުވާނުން ހިލޭ ބޯޅަ ކުޅެވޭނެ މަގުވެސް ފަހިކޮށްދެއްވާނެ ކަމުގައެވެ.

ފަސްޓް ޑިވިޝަން ފުޓުބޯޅަ ކްލަބް ގްރީން ސްޓްރީޓްސްގެ ރައީސް މުއާބެ ފާހަގަވެގެން ގޮސްފައިވަނީ އިޖުތިމާއީ ވަރުގަދަ މަސައްކަތްތަކެއް ދާއިރާ ލެވެލުގައި ކުރައްވާފައިވާ ހިންގުންތެރި ޒުވާނެއްގެ ގޮތުގައެވެ..

Leave a Reply

Your email address will not be published. Required fields are marked *

Back to top button