ޚަބަރު

އައްޑޫ ރީޖަނަލް ޕޯޓުގައި ބަންކަރިންގެ ޚިދުމަތް ފަށަނީ

ކުރިއަށްއޮތް ތިން މަސް ދުވަހުގެ ތެރޭގައި އައްޑޫ ރީޖަނަލް ޕޯޓުގައި ބަންކަރިންގެ ޚިދުމަތް ފައްޓަވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވަޖީހް ވިދާޅުވީ އައްޑޫ ރީޖަނަލް ޕޯޓާއި، ކުޅުދުއްފުށި ޕޯޓަށް 18 އަހަރު ވެފައިވާއިރު އެތަންތަނަށް ގެންނަންޖެހޭ ތަރައްޤީ އެންމެ އެދެވޭ ގޮތުގައި ގެނެވިފައި ނުވާކަމަށެވެ. ނަމަވެސް މިސަރުކާރުގެ ވިސްނުން ހުރީ މި ދެ ޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ.

އައްޑޫއަކީ މާލެ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް އޮތް ސަރަހައްދުކަން ފާހަގަކުރައްވާ، ޕޯޓާއި ގުޅިގެން އައްޑޫ ރައްޔިތުންގެ ފަރާތުން ފެންނަނީ ވަރަށް ބޮޑު މާޔޫސްކަމެއްކަމަށް ވަޖީހް ފާހަގަކުރެއްވިއެވެ.

ޕޯޓުގެ އިކުއިޕްމަންޓެއް ހަލާކުވެއްޖެނަމަ ފޮނުވަންޖެހެނީ މާލެއިންކަމަށާއި ޕޯޓު އަމިއްލައަށް ހިންގޭނެ ގާބިލުކަން ގާއިމުވެފައި ނެތްކަމަށާއި އަމާޒަކީ އެތަން އިތުރަށް ތަރައްގީކޮށް އާމްދަނީ ލިބޭނެ މަގު ފަހިކުރުން ކަމަށް ވަޖީހް ވިދާޅުވިއެވެ.

”އައްޑޫ ސަރަހައްދުގެ ރައްޔިތުންނަށް ޔަޤީންކަން މި ދެނީ ކުރިއަށްއޮތް 3 މަސް ދުވަހުގެ ތެރޭގައި އައްޑޫ ޕޯޓުން އަޅުގަނޑުމެން ބަންކަރިންގެ ޚިދުމަތް ފަށާނަން“ ވަޖީހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަންކަރިންގެ ހިދުމަތް ދޭން ފެށުމުން އެ ޕޯޓަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން އިތުރު މުވައްޒަފުން ވެސް ނެގޭނެކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button