މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ދާއިމީ ތަސައްލީއެއް ހޯދައިދޭން އަދިވެސް ”ވަގުތުކޮޅެއް“ ބޭނުންވާނެކަމަށް ގަބޫލުކުރައްވާކަމަށް، މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން، އެރަށުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގައި ނަނު އަދި ދޮށި މަސްވެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. އަދި އެކަންކަމުން އަރައިގަތުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރާކަމަށާއި، ކުރިއައް އޮތްތަނުގައިވެސް އެކަންކަން ހައްލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ރާވާފައިވާކަމަށް ވިދާޅުވެފައިވެއެވެ.
ފަރެސްމާތޮޑާގެ މަސްވެރިންނާއިއެކު ބޭއްވުނު ބައްދަލުވުމުގައި، މަސްވެރިން ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި ކިރާ މަސްތަކަށް ހަމަ އަގު ނުލިބުމުގެ ޝަކުވާ ހިމެނެއެވެ. އެ ޝަކުވާއާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެހެން އެކަން ދިމާވާ އެންމެ ބޮޑު ސަބަބަކީ ބޮޑު އަގުދޭ މާކެޓުތަކަށް ދިވެހިންނަށް އެކްސެސް ނެތުމާއި އެފަދަ މާކެޓުތަކުން ދިވެހި މަހަށް ނަގާ އަގަކީ ނިސްބަތުން ބޮޑުއަގަކަށްވާތީ އެއީވެސް ދިމާވާ ގޮންޖެހުމެއްކަމަށް ވިދާޅުވެފައިވެއެވެ.
މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ހައްލު ހޯދަން ވަގުތުކޮޅެއް ބޭނުންވާނެކަމަށް މިނިސްޓަރު ވިދާޅުވާއިރު، ހަމަ އެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތަކަށް އަންނަ އަހަރު މެދެއްހައި ހިސާބުގައި ހައްލު ހޯދޭނެކަމަށެވެ. އަދި އެކަން ކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި، އިތުރަށްވެސް މަސައްކަތް ކުރަމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.