ސަރުކާރުގެ ހިލޭ ޑިގްރީ އުސޫލަށް ބަދަލުތަކެއް ގެނެސްފި

ސަރުކާރުގެ ޚަރަދުގައި ހިލޭ ޑިގްރީއަށް ކިޔަވަން ލިބޭ ޢުސޫލަށް ބަދަލުތަކެއް ގެނެސް، އާ ޢުސޫލު އާންމުކޮށްފިއެވެ.
ސަރުކާރުން 2019 ވަނަ އަހަރު އާންމުކުރި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭ ޢުސޫލަށް ބަދަލުތަކެއް ގެނެސް އައު ޢުސޫލު އާންމުކޮށްފައިވަނީ މި ހަފްތާތެރޭގައެވެ.
އައު ޢުސޫލުގެ ދަށުން، ފުރަތަމަ ޑިގްރީގެ ޚަރަދު ލިބޭ ދަރިވަރުންގެ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 50 އަހަރު ނުވާ، ރާއްޖެއިން ނުވަތަ ރާއްޖޭން ބޭރުން ފުރަތަމަ ޑިގްރީގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ފުރިހަމަ ކޮށްފައި ނުވުން ހިމެނެއެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމަށް ކުރިމަތިލާ ދަރިވަރު ވާން ޖެހޭނީ ފުލްޓައިމް ދަރިވަރަކަށްކަމަށްވެސް ޢުސޫލުގައި ބުނެފައިވެއެވެ.
މީގެއިތުރުން ޝަރުތުތަކުގެ ތެރޭގައި ސަަރުކާރުގެ ޚަރަދުގައި ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ވިޔަސް ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ފެށިނަމަ މަޤްބޫލު ސަބަބެއް މެދުވެރިވެގެން މެނުވީ ކިޔެވުން ހުއްޓައިލައިފައި ނުވުމާއި 12 ފެބުރުވަރީ 2020 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި މި މިނިސްޓްރީން ޝާއިޢުކޮށްފައިވާ ”މަތީ ތަޢުލީމާއި ތަމްރީނު ޙާސިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގަ އާއި ޚިދުމަތް ނުކުރާ ފަރާތްތަކާއި މެދު ޢަމަލުކުރާނެ ގޮތުގެ ޢުސޫލު“ ގައިވާ ގޮތުގެ މަތީން އެޅި ފިޔަވަޅެއް ތަންފީޒުކުރަމުންދާ ފަރާތެއްކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ފުރިހަމަކުރަން މިނިސްޓްރީން ދިން ލޯނެއްގެ އެއްވެސް ފައިސާއެއް ނަގާފައިވާނަމަ، ފުރަތަމަ ޑިގްރީ ހޯދުމަށްޓަކައި އެއްބަސްވެފައިވާ ގޮތުގެ މަތިން އެފައިސާ އަނބުރާ ދައްކަން ޖެހޭނެކަމަށް މިނިސްޓްރީގެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.