ޚަބަރު

ސާމްޕަލް ފޮނުވައިގެން މެޑިކަލް ޗެކަޕް ހެދޭނެ، ބަލި މީހާ ދަތުރުކުރާކަށް ނުޖެހޭނެ: އާސަންދަ

މެޑިކަލް ޗެކަޕް ހެދޭނެ ވަސީލަތްތައް ނެތް ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން އެ ހިދުމަތް ދޭނީ އަތޮޅު ހޮސްޕިޓަލަށް ސާމްޕަލް ފޮނުވައިގެން ކަމަށާއި، ހިދުމަތް ހޯދަން ބަލި މީހާ ދަތުރުކުރާކަށް ނުޖެހޭނެ ކަމަށް އާސަންދައިން ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ހިދުމަތް މިހާރު ވަނީ ފަށާފައެވެ. އެ ހިދުމަތް ދޭންފެށީ އުމުރުން 50 އަހަރުން މަތީގެ ފަރާތްތަކަށެވެ.
އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނީ ސަރުކާރުގެ ހޮސްޕިޓަލް ތަކުން އެކަނި ކަމަށެވެ.
ބައެއް ރަށްރަށުގެ ހެލްތު ސެންޓަރުތަކުގައި މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމުތައް ނެތްކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ޒީނިއާ ވިދާޅުވީ މެޑިކަލް ޗެކަޕްގެ ދަށުން ހިމަނާފައިވާ ޕެކޭޖުތަކުގައި ހުރި ޓެސްޓުތައް ރާއްޖޭގެ ގިނަ ހެލްތު ސެންޓަރުތަކުގެ ލެބޯޓްރީތަކުން ހެދޭނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށެވެ.
ނަމަވެސް، އެ ޓެސްޓުތައް ނުހެދޭ ރަށްރަށުގެ ބަލި މީހުން ވެސް އެ ހިދުމަތް ހޯދަން އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ބަދަލުގައި، ޓެސްޓުތައް ހަދާނީ ސާމްޕަލް ފޮނުވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
”ނުހެދޭ ޓެސްޓެއްވިއްޔާ ސާމްޕަލް ނަގާފަ މިސާލަކަށް އަތޮޅު ހޮސްޕިޓަލަށް ފޮނުވައިގެން ވެސް އެމީހުން ޗެކަޕް ހައްދާފަ، ބަލިމީހާއަށް ދަތުރުކޮށްގެން އުނދަގޫ ނުޖައްސާ ޗެކަޕްގެ ބައި ހަމަ ކުރިއަށް ގެންދެވޭނެ،“ ޒީނިޔާ ވިދާޅުވިއެވެ.
މެޑިކަލް ޗެކަޕް ފުރިހަމަކުރުމަކީ ވަރަށް މުހިންމު ކަމެއް. ކަމަށާއި ފުރިހަމަ ކުރެވެނީ ހުރިހާ ޓެސްޓުތަކެއް ހަދާފަ އެ ޓެސްޓުތަކުގެ ރިޕޯޓުތައް ލިބުނީމަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޓެސްޓުތަކުގެ ރިޕޯޓުތައް ލިބުމާ އެ މަސައްކަތްތައް ހެލްތު ސެންޓަރުތަކުގެ ލެވެލްގައި ހަމަ ކޮންމެ ހެލްތު ސެންޓަރަކުން ވެސް ކުރިއަށްގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އެކަނި އާސަންދައިން މެޑިކަލް ޗެކަޕްގެ ހިދުމަތް މިއަދު ފެށި ނަމަވެސް މި އަހަރުގެ ތެރޭގައި އިތުރު އުމުރުފުރާ ތަކަށް ވެސް އެ ހިދުމަތް ލިބޭނެ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.
އެގޮތުން އުމުރުން 35 އަހަރާއި 49 ވަނަ އަހަރާ ދެމެދުގެ މީހުންނަށާއި 19 އަހަރުން ދަށުގެ ކުދިންނަށް އަންނަ އޭޕްރީލް މަހުން ފެށިގެން އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކަޕް ހެދޭއެވެ. އަދި 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް އެ ހިދުމަތް ލިބޭނީ އަންނަ ޖުލައި އެއްވަނަ ދުވަހުން ފެށިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button