ޚަބަރު

ނިޔާވެފައިވާ 17 މީހަކަށްވެސް ސަރުކާރުން ގޯތި ދީފި

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް މިސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ގޯތި ލިބޭ ލިސްޓުގައި، ނިޔާވެފައިވާ 17 މީހަކު ހިމެނޭކަން ހާމަވެއްޖެއެވެ.

އެގޮތުން، ދަފްތަރުގައި ހިމެނޭ އެއްމީހަކާއި މާލޭގެ 16 ރަށްވެހިންނަށް ގޯތި ލިބޭކަމަށް ސަރުކާރުން އިއުލާނުކުރި ލިސްޓްގައި ވެއެވެ.

ރައީސް އިބްރާހިމްގެ ސަރުކާރުން ގޯތި ދިން ލިސްޓުގައި ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ11 މެމްބަރުންނާއި، ސަރުކާރުގެ މުއައްސަސާ ތަކުގެ ވެރިން ވަނީ ހިމަނާފައެވެ.

ގޯތި ލިބުނު ނިޔާވެފައިވާ 17 މީހުންގެ ލިސްޓް

މީގެ އިތުރުން 11 ބިދޭސީއަކަށް ވެސް ދިވެހިންނަށް ޚާއްސަ ގޯތި ވަނީ ދީފައެވެ. އެގެ ތެރޭގައި އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝްގެ ރައްޔިތުން ހިމެނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ދިވެހި ސަރުކާރުން ދިވެހިންނަށް ޚާއްސަ ބޯހިޔާވަހިކަން ބިދޭސީންނަށް ދިން ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް ސަރުކާރުން ”ޔަޤީންކަމެއްނެތް ގޯތި ލިސްޓް“ އާންމުކުރުމާއި އެކު ގިނަ ރައްޔިތުންގެ ފާޑުކިޔުން ދަނީ ސަރުކާރަށް އަމާޒުކުރަމުންނެވެ. އަދި ބިމުގެ ޖާގަ އެވަރަށް ނެތްއިރު ކަނޑު ހިއްކައިގެން ގޯތި ދެވޭނެ ކަމާއިމެދު ރައްޔިތުންދަނީ ސުވާލު އުފައްދަމުންނެވެ.

ގޯތި ލިސްޓު އެކުލަވާލުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭނެ ކަމުގެ ޔަޤީންކަން ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ދެއްވި ނަމަވެސް، ދިވެހިންނަށް ޚާއްސަ ބޯހިޔާވަހިކަމުގެ ލިސްޓަށް ބަލާއިރު މި ލިސްޓަކީ މިސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވާ އަވަށްޓެރި އިންޑިއާއަށް ވެސް ޚާއްސަ ވެގެންދާ ލިސްޓެއް ގޮތުގައި ބެލެވެން އެބައޮތެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button