
ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު ހަލީމް ޖުވާ ކުޅޭ ފޮޓޯ ތަކެއް އާންމު ވެއްޖެއެވެ.
ދައުލަތުގެ ކަރަންޓު ކުންފުނީ (ސްޓެލްކޯ) ގެ ލީގަލް ޑިޕާޓްމަންޓުގެ އިސްވެރިޔާ މުހައްމަދު ހަލީމް ނުވަތަ ހަލީމް ބާއީ ޖުވޭކުޅެން ހުއްޓާ ނަގާފައި ހުރި ފޮޓޯތަކެއް މީސްމީޑިއާގައި އާންމުވެފައިވާއިރު، ޖުވާއަކީ އިސްލާމްދީނުގައި ހަރާމްކުރެއްވި އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ދިވެހިރާއްޖޭގެ ގާނޫނުގައި ކުރުން މަނާ ކަމެއްގެ ގޮތުގައި ޖުވާ ހިމެނެއެވެ. ލަންކާގެ ޖުވާ ކުޅޭ ތަނެއްގައި ހަލީމް ހުއްޓައި ނަގާފައިހުރި ފޮޓޯ އާންމުވެފައިމިވަނީ، ރައީސް ސާލިހް ދެވަނަ ދައުރަކަށްވެސް ހޮވޭނެކަމަށް ބުނެ ޓްވީޓް ކުރިތާ މަދު ގަޑިއިރެއްގެ ތެރޭގައެވެ.
ހަލީމް އަކީ މީގެ ކުރިން، ފަޑިޔާރު އަލީ ހަމީދުގެ އެދުމަކަށް ކޯޓުގެ ހުކުމްތައްވެސް ބަދަލުކުރިކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ މީހެކެވެ. އެއީ ”ހަވީރު“ ނޫހުގެ މިލްކުވެރިކަމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައިގައި އެ ނޫހުގެ މުވައްޒަފުންނަށް އެހެން ތާކު މަސައްކަތްނުކުރެވޭނެކަމަށް ބައެއް ހިމެނީ އަލީ ހަމީދު ކަމަށާއި، އެކަމާ ގުޅޭ ހުކުމްތައް ބަދަލުކުރަން އަލީ ހަމީދާއެކު ވަޓްސް އެޕްއިން ވާހަކަދެއްކި ކަމަށް ހަލީމް އިއުތިރާފުވިއެވެ.
ހަލީމް އެންމެ ފަހުން ވަކީލެއްގެ ގޮތުގައި މަސައްކަތްކުރިތަން ފެނިފައިވަނީ، އަލްހާމް ފަހުމގެ މައްޗަށް ތުހުމަތުކުރެވުނު ޕޮންޒީ ސްކީމްގެ މައްސަލައިގައެވެ. އަދި އޭނާއަކީ މޯލްޑިވްސް ޔޫތުފޯސްގައިވެސް މަސައްކަތްކުރާ މީހެކެވެ.