5 ފުލުހަކު މަގާމުން ވަކިކުރަން ނިންމީ ގާނޫނާ ހިލާފަށް

ފަދް ފުލުހަކު މަގާމުން ވަކި ކުރަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ނިންމައިފިއެވެ.
ފުލުހުންގެ އިސް މަގާމުގައި ތިބި ފަސް މީހަކު، މަގާމުން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމައި، އެ ނިންމުން ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވި ނޯޓިސްތަކަކީ ބާތިލް އެއްޗެއްކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ފުލުހުންގެ ތެރެއިން މަގާމުން ވަކިކުރުމަށް، ޕޮލިސް ބޯޑުން ނިންމި ނިންމުން، ސިވިލް ކޯޓަށް ހުށަހެޅީ، އެ ފުލުހުންގެ ތެރޭގައި ހިމެނޭ އެސިސްޓަންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު، އެސިސްޓަންޓް ކޮމިޝަނާ އަހްމަދު މުހައްމަދު، ޗީފް ސްޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް، ސްޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް އަދި ސްޕްރިންޓެންޑެންޓް މުހައްމަދު ދާއޫދެވެ. ބާކީ ތިބީ އެސިސްޓަންޓް ކޮމިޝަނާ ފަރުހާދު ފިކުރީއާއި ޗީފް ސްޕްރިންޓެންޑެންޓް އަހްމަދު ޝުހާދެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި 5 ފުލުހުންނާ އެއްކޮޅަށް ސިވިލް ކޯޓުން މައްސަލައިގެ ހުކުމްކޮށްފައިވެއެވެ. އަދި މަގާމުން ވަކިނުކުރަނީސް، ޖަމްޝީދާއި އަހްމަދު މުހައްމަދު ފިޔަވައި ދެން ތިބި ބޭފުޅުން ވަކިކުރުން ހުއްޓުވަންވެސް އެ ކޯޓުން އަމުރު ނެރެފައިވެއެވެ.
ސިވިލް ކޯޓުން ހުކުމް ނެރެފައިވާއިރު ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ޕޮލިސް ބޯޑުގެ ޒިންމާތަކަށްވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން އެ ބޯޑާ މަތިކޮށްފައިވާ ޒިންމާގެ ތެރޭގައި ހިމެނޭ ފުލުހުން އެމީހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯއާއި، ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވޭތޯ ބަލައި، އެފަދަ ކަމެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފައިވޭތޯ ބަލައި އެފަދަ މުވައްޒަފުންނަނީ މަގާމުތަކަށް އެކަށޭނެބައެއްތޯ ކަށަވަރުކުރުން ހިމެނޭކަމަށް ފާހަގަކޮށްފައިވެއެވެ.
އަދި އެފަދަ އޮފިސަރެއްގެ މައްޗަށް ކުރެވޭ ތުހުމަތުގެ ބާވަތަށާއި، ތަބީއަތާއި، އެމީހެއްގެ އަހުލާގާއި އެ މައްސަލައިގައި ލިބުނު ހެއްކައް ރިއާޔަތްކޮށް، އެފަދަ މީހަކަށް މަގާމުގެ ވާޖިބު ނުކުރެވޭނެކަން ގަބޫލުކުރެވޭ ހާލަތުގައި ނޫނީ އެފަދަ ނިންމުމެއް ނިންމިގެން ނުވާނެކަން ދޭހަވާގޮތަކަށް ސިވިސް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
ޕޮލިސް ބޯޑުން، އެ ފުލުހުން ވަކިކުރަން ނިންމިއިރު، ބުނެވިދިޔަ އެއްވެސް ކަހަލަ ހެއްކެއް ހުށަހަޅާފައިނުވާކަމަށް ކޯޓުން ފާހަގަކުރެއެވެ. އަދި އެ މައްސަލާގައި ވަކިކުރި ދެ ފުލުހުންނަށާއި، ނޯޓިސް ދިން އޮފިސަރުންނަށް ލިޔުންތައް ފޮނުވާފައިހުރި އިރު ހުރީ ޕޮލިސް ބޯޑުގެ ނިންމުންތަކަށް ހަވާލާދީފައިކަމަށާއި، އެ ހަވާލާދިން ލިޔުންތައް ނެތްކަމަށްވެސް ކޯޓުން ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުންގެ ގާނޫނަށް ބަލާއިރު، އޮފިސަރުން ވަކިކުރަން ނިންމާއިރު، ގާނޫނީ ގޮތުން އެކަމުގެ އިހްތިސާސް ޕޮލިސް ބޯޑަށް ނެތްކަމަށް އެނގޭ ކަމަށާއި، އެހެންކަމުން ފުލުހުން މަގާމުން ވަކިކުރަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއްކަމަށް ސިވިސް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ހުކުމުގައި ޖަމްޝީދާއި އަހްމަދު މުހައްމަދު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާތިލްކޮށް ޝަރީފާއި ދާއޫދު އަދި ޝަމީމު ވަކިކުރަން ނިންމައި ދިން ނޯޓިސްތައް އެއީ ބާތިލު އެއްޗެއްކަމަށް އެ މައްސަލަ ބެއްލެވި ގާޒީ، އަލީ އަބްދުﷲ ވަނީ ހުކުމްކޮށްފައެވެ.