ޚަބަރުސިޔާސީ

ދައުރު ނިމޭއިރު މާލެ ސަރަހައްދުގައި ގެދޮރު ނުލިބޭ މީހަކު ނުހުންނާނެ: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދައުރު ނިމޭއިރު މާލެ ސަރަހައްދުގައި ގެދޮރު ނުލިބޭ މީހަކު  ނުހުންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.

ޕީއެންސީގެ ޓިކެޓުގައިި މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން މެނިފެސްޓޯ އިފުތިތާހު ކުރުމަށް ’ދިވެހީންގެ ރާއްޖެ‘ ޖަގަހާގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ދައުރު ނިމޭއިރު ގެދޮރުގެ މައްސަލަ ހައްލު ނުވާ އެއްވެސް ރައްޔިތެއް މާލޭގައި ނުހުންނާނެކަމުގެ 100 ޕަސެންޓު ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށެވެ.

ގެދޮރުގެ މައްސަލައަކީ، މާލެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަކަމަށާއި، އެއީ ހައްލެއް ހޯދަން ޖެހޭ މައްސަލައަކަށް ވުމުން ރައީސްގެ ދައުރުގައި ގެދޮރުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ބާރު ސްޕީޑުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިމާއި ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ހަލުވި ދުވެއްޔެއްގައި ކަމަށާއި އެ މަސައްކަތް ނިންމާލެވޭއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ދޭން ނިންމާފައިވާ ބަޔަށްވުރެ ބޮޑު ބައެއް ރައްޔިތުންނަށް ލިބޭ ގޮތަށް އެ މަސައްކަތް ކުރިޔަށް ގެންދަވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ގެދޮރުގެ މައްސަލައަކީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާ މައްސަލަކަމަށާއި އެ މައްސަލަ ހައްލުކުރެއްވުމުގައި އެންމެ ދުވަހެއް ވެސް އިސްރާފުކޮށް ނުލައްވާނެކަން ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ، މިހާރު ކުރިޔަށް ގެންދާ މަޝްރޫއުތަކާއި ގެދޮރަށް ހާއްސަކޮށްގެން ރައީސް ތައާރަފްކުރާ ލޯނުގެ ސަބަބުން، ގެދޮރުގެ ދަތިކަމަށް ޖެހިފައިއޮތް އޮތުން ނިމުމަކަށް އަންނާނެކަމަށެވެ.

އެކަންކަން ހަގީގަތަކަށް ހެދުމަށް ޓަކައި ކުޅަދާނަ މޭޔަރެއް ހޮވުމަކީ، ލާޒިމް ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މޭޔަރަކީ އާޒިމާ ކަމަށާއި އާޒިމާއަށް ރައީސްގެ ފުރިހަމަ ތާއީދު އޮތްކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ރައީސް ކުރިއަށް ގެންދަވާ އެންމެ ބިޔަ މަސައްކަތަކީ ރަސްމާލެގެ ނަމުގައި ތަރައްގީކުރާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button