ޚަބަރުސިޔާސީ

ބޭނުންވަނީ ލިބޭ އެއްޗެއް ހަދިޔާ ކުރަން: ސާޖިދާ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބޭނުންވަނީ ލިބޭ އެއްޗެއް ހަދިޔާ ކުރައްވަން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމު އަދާކުރައްވަމުން އަންނަ ސާޖިދާއަށް ވަޒީފާއިން ހަތަރު އަހަރުގެ މުއްދަތަކަށް މުސާރަ ނުލިބޭ ގޮތަށް ނޯ-ޕޭ ލީވްއެއް ދިނުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި ކޮންޓްރެކްޓް އުސޫލުގެ ދަށުން މުސާރައެއް ލިބޭ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، އެ މުސާރަ ނުނަންގަވާނެ ކަމަށާއި، ބޭނުންވަނީ ލިބޭ އެއްޗެއް ހަދިޔާ ކުރައްވަން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މި މަހުގެ 7 ވަނަ ދުވަހު، ހެލްތު މިނިސްޓްރީން ސާޖިދާއަށް ކޮންޓްރެކްޓެއް ދީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ބުނެފައިވާ ގޮތުގައި، އެ ކޮންޓްރެކްޓުގައި ވަނީ:

  • ޓެކްނިކަލް ދާއިރާގެ ފަންނީ ލަފަ އާއި މުވައްޒަަފުން ތަމްރީނުކުރުމާއި ގަވައިދުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތުގައި ސާޖިދާގެ އެހީތެރިކަން ބޭނުންވާ ކަމަށް،

  • މަހަކު 40 ގަޑިއިރު މަސައްކަތް ކުރާ ގޮތަށް، ގަޑިއަކަށް 75ރ.ގެ މަގުން މުސާރައެއް ދިނުމަށް،

އެހެންކަމުން، އެ ކޮންޓްރެޓުގެ ދަށުން ސާޖިދާއަށް މަހަކަށް ގިނަވެގެން ލިބިވަޑައިގަންނަވާނީ 3،000ރ. އެވެ.

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެފައިވާ ގޮތުގައި، ފަސްޓް ލޭޑީ މުސާރަ ނަންގަވަން ބޭނުން ނުވާ ކަމަށް ހެލްތު މިނިސްޓްރީން އެ ކޮމިޝަނަށް އަންގާފައިވީ ނަމަވެސް، ގަވައިދުގެ ދަށުން މުސާރަ ނުދޭ ގޮތަށް މަސައްކަތެއް ނުކުރެވޭނެ އެވެ.

ފަސްޓް ލޭޑީގެ ގޮތުގައި ހުންނަވައިގެން ސާޖިދާ ސިވިލް ސާވިސްގެ ވަޒީފާ އަދާކުރައްވަމުން ގެންދަވާތީ އަމާޒުވަމުންދާ ފާޑުކިޔުންތަކާ މެދު ވާހަކަ ދައްކަމުން  ”މުސާރައެއް، މިސާލަކަށް އެ ބޭފުޅުން ދޭން މަޖުބޫރުވެގެން ދޭން ޖެހިއްޖެއްޔާ އަޅުގަނޑު ބޭނުންވަނީ އެ އެއްޗެއް ހަމަ ޑޮނޭޓް ކުރާށޭ، މިސާލަކަށް، މިނިސްޓްރީގެ ކޮންމެވެސް ތަނަކަށް،“ އޭނާ ވިދާޅުވިއެވެ.

ސާޖިދާ ޔަގީންކަން ދެއްވީ، ފަސްޓް ލޭޑީއަށް ލިބޭ އެލަވަންސް ލިބޭހާ ދުވަހަކު ދައުލަތުން އިތުރު މުސާރައެއް ނުނަންގަވާނެ ކަމަށެވެ.

ރައީސްގެ މުސާރަ އާއި އިނާޔަތްކާ ބެހޭ ގާނޫނުގެ ދަށުން ރައީސްގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް އެލަވަންސެއް ދޭން ޖެހެއެވެ. އެ އެލެވަންސްގެ އަދަދަކީ ރައީސްގެ މުސާރައިގެ ތިން ބައިކުޅަ އެއް ބައެވެ. ރައީސްގެ މުސާރަ އަކީ 100،000ރ އެވެ. އެހެންކަމުން، ސާޖިދާއަށް ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި 33،333ރ. ލިބިވަޑައިގަންނަވާނެއެވެ.

ސާޖިދާ ވިދާޅުވި ގޮތުގައި، ހާލަތުގެ ގޮތުން އޭނާ އެދިވަޑައިގެންނެވީ މުސާރަ ނުނަގާ ގޮތަށް، ހަމައެކަނި ފަންނީ ގޮތުން ހިދުމަތް ކުރައްވަން؛ މިސާލަކަށް ކާބޯތަކެއްޗާ ގުޅޭ މިންގަނޑުތައް އެކަށައެޅުން ފަދަ މަސައްކަތްތައް ހިލޭ ކޮށްދެއްވުމަށާާއި ދާއިރާއަށް އަލަށް ނުކުންނަ މީހުން ތަމްރީނުކޮށްދީ، އެހީތެރިކަން ފޯރުކޮށްދެއްވުމަށެވެ.

”އަޅުގަނޑު ބޭނުމެއް ނޫން ހިންގުމެއް، ނޫނީ އެހެން ކަމެއް، ނޫނީ ޑިޒިޝަން ނެގޭ ލެވެލްއެއްގެ އެއްވެސް ކަމެއް. އެ ހުރިހާ ކަމަކުން އެކަހެރިވިން، ހަމަ ވަގުތުން ރައީސް މުއިއްޒު އިލެކްޓްވީ ދުވަހުން ފެށިގެން ވެސް އަޅުގަނޑު ނޯންނާނެ އެއްޗެއްގައި ސޮއި ވެސް ކޮށްފައެއް،“ ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާ ގަބޫލުކުރައްވާ ގޮތުގައި މެނޭޖީރިއަލް ނުވަތަ ޑިޒިޝަން ލެވަލްތަކުން އެކަހެރިވެ، ދުވާލަކު ދެތިން ގަޑިއިރުން ހެލްތު މިނިސްޓްރީގައި އޭނާ ކުރަންޖެހޭ މަސައްކަތްތައް ނިންމާލެވޭނެއެވެ. އެއަށްފަހު އެ ލިބޭ ވަގުތުތަކުގައި ފަސްޓް ލޭޑީގެ ހައިސިއްޔަތުން އިޖްތިމާއީ ވަރަށް ގިނަ މަސައްކަތްތައް ކުރެވޭނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button