ޚަބަރު

ކާފަރެއްގެ ޖަނާޒާގައި ބައިވެރިވުމަކީ ޝިރުކެއް: ޝައިޚް ނިޝާން

ކާފަރެއްގެ ޖަނާޒާގައި ބައިވެރިވުމަކީ ޝިރުކެއް ކަމަށް އައްޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.

ޝެއިހް ނިޝާން މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު އާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެރިވުމަށް އިނގިރޭސި ވިލާތަށް މިއަދު ފުރާ ވަޑައިގަންނަވާފައެވެ.

ކާފަރުންގެ ޖަނާޒާގައި ބައިވެރިވުމާއި ގުޅޭގޮތުން ޝައިޚް ނިޝާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖަނާޒާއަކީ އަޅުކަމެއް ކަމަށާއި އެހެންކަމުން ކާފަރެއްގެ ޖަނާޒާގައި، އޭނާގެ ދީނުގެ މީހުންކުރާ ކަންކަމުގައި (ދުޢާ ކުރުމާއި އެނޫންވެސް އެފަދަ ކަންކަމުގައި) ބައިވެރިވާ މީހާ އެ ބައިވެރިވަނީ އެމީހުންނާ އެކު ޝިރުކުގައި ކަމަށެވެ.

މީގެ އިތުރުން ނިޝާން ވިދާޅުވީ، ކާފަރުންގެ ޖަނާޒާގައި އެމީހުން ދުޢާކޮށް ހަދާނީ މާތް ރަސްކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް ކަމަށެވެ.

ކާފަރެއްގެ ޖަނާޒާގައި ބައިވެރިވެވިދާނެ ކަމަށް ވިދާޅުވާ އިލްމުވެރިން ވެސް އެކަން ހުއްދަކުރައްވާފައިވަނީ ވަކި ޝަރުތުތަކާއެކީގައިކަން ބަޔާން ކުރައްވާ ނިޝާން ވިދާޅުވީ، އެ ހާލަތަކީ އެމީހެއްގެ މަންމަ ބައްޕަ ފަދަ ގާތްތިމާގެ މީހެއްކަމުގައި ވާނަމަ އެކަނި ކަމަށާއި އަދި އެމީހުންގެ އަޅުކަމުގެ އެއްވެސް ކަމެއްގައި ބައިވެރިނުވެ އެމީހުންނާއި ވަކިން އެއްފަރާތެއްގައި ހުރެގެން ކަމަށެވެ.

ޝައިޚް ނިޝާންގެ ޓްވީޓްގައި ވަނީ މިކަމާއި ގުޅޭގޮތުން ތައުބާ ސޫރަތުގެ 84 ވަނަ އާޔަތުގައި ބަޔާންވެގެންވާ ބަސްފުޅު މާނައާއިއެކު ހިއްސާ ކުރައްވާފައެވެ.

ކާފަރެއްގެ ޖަނާޒާގައި ބައިވެރިވުމަށް ދިވެހި ސަރުކާރުގެ ވަފްދެއް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ނިންމާފައިވާއިރު މިސަރުކާރުގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ދާދިފަހުންވެސް ވިދާޅުވީ ރައީސް ސޯލިހު ކުރައްވަނީ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ފަދަ، އަދި ކީރިތި ރަސޫލާ ކުރެއްވި ފަދަ ހެޔޮ ވެރިކަމެއްކަމަށެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅަށް ބޮޑު ޚަރަދެއްހިނގާނެ ކަމަށް ބެލެވޭއިރު މިކަމާއި ގުޅިގެން ދީނީ ޢިލްމުވެރިންނާއި އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސްގެ ދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވީ ރައީސްގެ ދަތުރުފުޅަށް މިލިއަނެއްވެސް ނާރާނެ ކަމަށާއި، މި ދަތުރުފުޅަކީ އެގައުމުގެ ދައުވަތަކަށް ރައީސް ސޯލިހު ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

4 Comments

  1. ތިބުނާ ކާފަރަކު މަރުވެގެން ވަޅުލާތަނަށް ދިއުން އެއީ ޝިރުކަކަށް ވާގޮތް ޝެއިޚް ބުނެލަ ދީބަލަ، އެހެނީ މުސްލިމުންނާ، ޣައިރު މުސްލިމުން އެއްގައުމުގަ ވަރަށްގިނައިން ދިރިއުޅޭ، އެއްބަޔަކު މަރުވީމަ އަނެއް ބަޔަކު ވަޅުލާން އެހީތެރިވެދޭ، އެކަންޝިރުކަކަށް ވާނެތޯ ތިޔަ ޝައިޚް ބުނެލަދީބަލަ…؟

Leave a Reply

Your email address will not be published. Required fields are marked *

Back to top button