ޚަބަރުސިޔާސީ

ރައްޔިތުންގެ ބާރުން އިހުތިޔާރުކުރީ ރައީސް މުއިއްޒު، އެ ބާރު ތަންފީޒު ކުރުމަށް މަޖިލިސް މެޖޯރިޓީ ހޯދަންޖެހޭ: އިއްބެ

ރައްޔިތުންނަށް ގާނުނު އަސާސީން ލިބުނު އެންމެ ބޮޑު އެއް ބާރަކީ އެމީހުންގެ މައްޗަށް ވެރިިކަން ކުރާނީ ކާކުތޯ ނިންމުމުގެ އިހުތިޔާރު ކަމަށާއި، އެމްޑީޕީގެ ވެރިކަން ނިންމައި، ރައްޔިތުން އިހުތިޔާރު ކުރީ ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމުގައި މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ސަރުކާރުގެ ޕީއންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު (ޖަނާބު އިިއްބެ) ވިދާޅުވެއްޖެއެވެ.

ކެންޑިޑޭޓް ނަންބަރު 1، އިއްބެ މިފަދައިން ވިދާޅުވީ އެބޭފުޅާގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން ”އެންމެންގެ ޖަގަހަ“ ހުޅުވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަ ދައްކަވަމުންނެވެ. އެ ޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް މުއިއްޒުއެވެ. މި ހަފްލާގައި އިއްބެ ވިދާޅުވީ ރައްޔިތުން މި ފަސް އަހަރަށް ގޮތްތަކެއް ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ.

”އެހެންވީމާ ރައްޔިތުންގެ އިހުތިޔާރު، ރައްޔިތުންގެ ”ވިލް“ ތަންފީޒު ކުރުމަކީ މަޖިލީހުގެ މައްޗަށް ލާޒިމް ކަމެއް. ރައްޔިތުންގެ މައްޗަށް ލާޒިމް ކަމެއް. މުއައްސަސާތަކުގެ މައްޗަށް ލާޒިމްކަމެއް. އިދާރާތަކުގެ މައްޗަށް ލާޒިމް ކަމެއް. އެކަމާ ގުޅިފަ މިއޮތީ އާންމުު ހުރިހާ ރައްޔިތުންގެ އަމާންކަމާއި، އެމީހުންގެ އިޖުތިމާއީ ހަމަޖެހުމާއި، އެމީހުންގެ ނަފްސާނީ، އިގްތީސާދީ ކުރިއެރުންވެސް.“ އިއްބެ ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުން ނިންމި ނިންމުމަކީ ރައީސްގެ ތަސައްވުރާއި ރައީސްގެ ވައުދުފުޅުތަކާއި އަދި ތަރައްގީ އެމީހުން ބޭނުންވާލެއް ބޮޑުކަމުން މާޒީ ދޫކޮށް، މުސްތަގުބަލަށް ދިއުމަށްޓަކައި ރަސްމާލެއަށް ދާން ބޭނުންވާކަން ކަމުގައި އިއްބެ ވިދާޅުވިއެވެ. ޑްރޯން އިން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމާއި އަމަން އަމާންކަން ގާއިމްވެފައި އޮތުމަކީ މިއަދު ރައްޔިތުން ބޭނުންވާ ގޮތް ކަން އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ދަރަނިން ސަލާމަތްކޮށް، އިގްތިސާދީ ކާރިސާ ނިމުމަކަށް ގެނައުމަށް ރައްޔިތުން ހައްލުތަކެއް ބޭނުންވާކަންވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

”އެހެންވީމަ މިކަންކަން އަސާސީގޮތެއްގައި ނިންމޭނީ ސަރުކާރެއް އޮތް ބަޔަކަށް. މިދާއިރާގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާނީ ވަރަށް ވިސްނަވާށޭ. މިހާރުވެސް މަޖިލީހުގެ މެޖޯރިޓީ ހިއްޕަވައިގެން އެއްވެސް ކަމެއް ނުކޮށް އެ ތިއްބެވީ، އެހެން މިދަންނަވަނީ ރަނގަޅު ނިޔަތެއް އޮވެގެން ކަމެއް ފެއްޓުމަކީ ކަމެއް ނިންމުމެއް ނޫން.“ އިއްބެ ވިދާޅުވިއެވެ.

އެގޮތުން ގުޅީފަޅުގައި19 ހެކްޓަރުގެ ފަސް ފުންޏެއް ޖެހުމަށްފަހު ގޯތިތަކެއް އެމްޑީޕީގެ ނިމުނު ސަރުކާރުން ބަހާލުމަކީ ހަގީގަތެއް ނޫންކަމަށް އިއްބެ ވިދާޅުވިއެވެ. އެއާ ހިލާފަށް ރައީސް މުއިއްޒުގެ ވައުދުފުޅާއި އެމަނިކުފާނުގެ ލޭންޑް ޔޫޒް ޕްލޭނާއި އެއްގޮތަށް އެކަންކަން ހައްލުކުރެވިގެންދާ މަންޒަރު ފެންނަކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

”މިއަދު ތިބޭފުޅުންނަށް މިލިބެން އޮތް އެތި އެއްވެސް ހާލެއްގައި ދޫކޮށްލައިގެން ނުވާނެ. އަޅުގަނޑު މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންނަށް ދަންނަވާނީ ފަސް އަހަރު ތިބޭފުޅުންގެ ހަޔާތުން ބޭކާރުވެގެންދާނެ ދެން ޓޮލެރޭޓް ނުކުރައްވައްޗޭ.“ އިއްބެ ވިދާޅުވިއެވެ.

އިއްބެ ވިދާޅުވީ އިސްރަށްވެހިންގެ އިނާޔަތްތަކަށް ލިބެން ހުރި ސެކިއުރިޓީތައް ”ދުއްވާލާނެ“ ބަޔަކަށް މަޖިލީހުގެ އެންމެ ގޮނޑިއެއްވެސް ދީގެން ނުވާނެ ކަމުގައެވެ. އަދި އެ ދާއިރާގެ ރައްޔިތުންގެ ފްލެޓާއި ގޯތިތައް އެމްޑީޕީގެ ކުރީގެ ސަރުކާރުން ގަޑުބަޑުކޮށްލި ޒަމާންވީ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސް މުއިއްޒު ފެއްޓެވި ރަސްމާލެ މަޝްރޫއަކީ ވަރަށް މުހިންމު މަޝްރޫއެއްކަންވެސް އިއްބެ ފާހަގަކުރެއްވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button