ޚަބަރުސިޔާސީ

އާޒިމާގެ މެނިފެސްޓޯ ލޯންޗުކޮށްފި!

ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ، މުހިއްމު 11 ދާއިރާއެއް ހިމަނައި  ލޯންޗުކޮށްފިއެވެ.

އާޒިމާގެ މެނިފެސްޓޯގައި މުހިއްމު 11 ދާއިރާއެއް ހިމަނާ ކޮންމެ ދާއިރާއަކުން ކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ. އެ ދާއިރާތަކުގެ ތެރޭގައި:

 

  1.  އެންމެންގެ މާލެ
  2.  ފެހި ފަހި ފަރި މާލެ
  3.  ރައްކާތެރި އަމާން މާލެ
  4.  ދިވެހިންގެ އިޤްތިޞާދުގެ ވިންދު
  5.  ހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް
  6.  21 ވަނަ ގަރުނަށް ފައްކާކުރެވިފައި
  7.  އިލްމާއި ހުނަރުގެ ވެށި
  8.  ފަޚްރުވެރި އަންހެނުން
  9.  ހިތްހަމަޖެހިގެން ހިނިތުންވުމާއެކު
  10.  ގްރޭޓާ މާލޭގެ ކަނޑު، ފަޅު ފަރުގެ ފުރިހަމަ ނަފާއަށް
  11.  ގުޅިގެން އެކުގައި ތަރައްގީ ކުރުމުގައި ބައިވެރިވުން

ފުރަތަމަ ދާއިރާގައި ކުރުމަށް ނިންމާފައިވާ ކަންކަމަކީ ދުޅަހެޔޮކަން ކަށަވަރުކުރުމާއި އާއިލާ އާއި ރައްޓެހިންނާއެކު މުނިފޫހިފިލުވާ ސެންޓަރެއް ގާއިމުކުރުމާއި ކޮމިއުނިޓީ ސެންޓަރަކާއި ކުޅިވަރު އެވެނިއުތައް ގާއިމުކުރުމާއި ފްރީލާންސް މަސައްކަތްތެރިންގެ ޖަގަހައެއް ގާއިމުކުރުމުގެ އިތުރުން ވެޓް ސެންޓަރަކާއި ބުޅާ ޝެލްޓަރެއް ގާއިމްކުރުމެވެ.

ދެވަނަ ދާއިރާކަމަށްވާ ހަމަ އެންމެންގެ ވެސް މާލެ. މި ދާއިރާގެ ދަށުން ރައްކާތެރި ދުވާރުތައް ހެދުމާއި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ޕާކުކުރުމާއި އިމާރާތްތަކަށް ވަދެ ނުކުތުމުގެ ނިޒާމެއް ގާއިމުކުރުމާއި އިސްރަށްވެހިންގެ މަރުކަޒުތަކާއި ކޮމިއުނިޓީ ހެލްތް ވަސީލަތްތައް ގާއިމުކޮށްދިނުމުގެ އިތުރުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަވަސް އެހީ ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.

ތިންވަނަ އަށް، ހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް؛ މި ދާއިރާގެ ދަށުން ކުރުމަށް ނިންމާފައިވާ ކަންކަމަކީ ޕާކުކުރުމަށް ހައްލެއ ހޯދައިދިނުމާއި ފެން ހިނދޭ ރަނގަޅު ނިޒާމެއް ގާއިމުކުރުމާއި ސާފު މަގުތަކާއި އާއްމުންނަށް ހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް ހޯދައިދިނުމާއި އާއްމު ފާހަނާތަކާއި އުޅަނދު އެތެރެކުރުމާއި ދުއްވުމުގެ ޓްރެފިކް ނިޒާމެއް ގާއިމުކުރުމުގެ އިތުރުން އާއްމު މަސައްކަތްތައް ކުރުމަށްޓަކައި ދެވޭ ހުއްދަތައް އިންތިޒާމް ކޮށްދިނުމެވެ.

ހަރަތުވަނަ ދާއިރާ ކަމަށްވާ ދިވެހިންގެ އިގްތިޞާދުގެ ވިންދުގެ ދަށުން ކޮންވެންޝަން ސެންޓަރުތައް ބިނާ ކުރުމާއި ލޯކަލް މާރުކޭޓްތައް އިތުރަށް ތަރައްގީކުރުމާއި ބަނދަރު ސަރަހައްދު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން މުހިއްމު ޚިދުމަތްތަކާއެކު ބެލެހެއްޓުން  ހިމަނާފައިވެއެވެ.

21 ވަނަ ގަރުނަށް ފައްކާކުރެވިފައި، މި ދާއިރާގެ ދަށުން މުޅި މާލެ އެއްވިއުގަޔަކުން ގުޅާލުމާއި މާލޭގެ ހުރިހާ ވަސީލަތްތައް ފަސޭހަކަމާއެކު ދެނެގަނެ ބޭނުންކުރެވޭ އެޕްއެއް ގާއިމުކުރުމާއި ކައުންސިލްގެ ޚިދުމަތްތައް ގޭގައިތިބެ ފަސޭހަކާއެކު ލިބޭނެ މަގުފަހި ކޮށްދިނުމާއި އެއް ފުރާޅެއްގެ ދަށުން ހުރިހާ ޚިދުމަތެއް ލިބޭ ފިހާރައެއް އުފެއްދުން ހިމެނެއެވެ.

އިލްމާއި ހުނަރުގެ ވެށިީގެ ދަށުން ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ކިޔަވާ ތަމްރީނުވުމަށް ތިބެވޭނެ ރައްކާތެރި ބޯޑިންގް ވަސީލަތްތައް ގާއިމްކުރުމާއި ފުރިހަމަ ޕްރީސްކޫލު ހިދުމަތާއި ޒަމާނީ ލައިބްރަރީ އާއި ދިރާސީ ވަސީލަތްތަކާއި އެންމެންނަށް ބޭނުން ކުރެވޭނެ ކޮމިއުނިޓީ ސެންޓަރުތައް ގާއިމުކުރުމުގެ އިތުރުން އިލްމީ ކުރިއެރުންތަކެއް ހޯދައިދިނުން ހިމެނެއެވެ.

ފަހުރުވެރި އަންހެނުން؛ މި ދާއިރާގެ ދަށުން އަންހެނުންނަށް ހާއްސަ 1000-1500 ވަޒީފާ އުފެއްދުމާއި އަންހެނުން ކުރިއަރުވާ ކޮމިޓީއަށް ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އަންހެނުންގެ ފަރާތުން އަންހެނުންނަށް މެންޓަރިން ދިނުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމާއި އެކަނިވެރި މައިންނަށް ވަކި ނިޒާމެއް ގާއިމްކުރުމުގެ އިތުރުން މުނިސިޕަލް ޑޭ ކެއާ ސެންޓަރެއް ގާއިމުކުރުން ހިމެނެއެވެ.

ގްރޭޓާ މާލޭގެ ކަނޑު ފަޅު ފަރުގެ ފުރިހަމަ ނަފާއަށް؛ މި ދާއިރާގެ ދަށުން ސާފުތާހިރު ފަތާ ސަރަހައްދާއި މޫދާ ގޮނޑުދޮށާއި މޫދު ކުޅިވަރުތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމާއި ހަމަ ވައިގާ ހިތްހަމަ ޖެހިގެން އާއިލީ ކެފޭތައް ގާއިމްކޮށްދިނުމާއި ގުދުރަތީ ވެށިގެ ނަފާ ލިބިގަތުމުގެ ނިޒާމުތައް ގާއިމްކޮށްދިނުމުގެ އިތުރުން ހުޅުމާލެ މާލެ ވިލިމާލޭގައި މަސްވެރި އުޅަނދުފަހަރަށް ބޭނުންވާ ރައްކާތެރިކަމާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުން ހިމަނާފައިވެއެވެ.

ގުޅިގެން އެކުގައި ތަރައްގީ ކުރުމުގައި ބައިވެރިވުން؛ މި ދާއިރާގެ ދަށުން އަވަށު ބޯޑަކާއި މުޖުތަމައުގެ ކަމުވޮށިގެންވާ ބޭފުޅުންގެ މަޝްވަރާ މަޖިލީހެއް އެކުލަވާލުމާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލުމާއި ޝަކުވާ ހުށަހެޅުމުގެ ނިޒާމަކާއި ޒުވާނުން ބާރުވެރިކުރުވުމުގެ ފޯރަމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ.

ޕްލޭގްޝިޕް ކޮމިއުނިޓީ ޕާޓިސިޕޭޝަން ޕްރޮޖެކްޓްސްގެ ތެރޭގައި ޒުވާނުންނަށް އިލްމާއި ހުނަރުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ސެންޓަރެއް ގާއިމުކުރުމާއި އަންހެނުން ބާރުވެރިކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމާއި ވެޓް ޝެލްޓާ އަދި ކެޓް ޝެލްޓާ ގާއިމުކުރުމާއި ދިވެހިވަންތަކަން ދައްކުވާދޭ މަރުކަޒެއް ގާއިމުކުރުމާއި ދިވެހިރާއްޖޭގައި ހެދޭ މާމެލާމެލީގެ ގަސްތައް ދައްކުވައިދޭ ބަގީޗާއެއް ގާއިމުކުރުން ހިމެނެއެވެ.

އާޒިމާގެ މެނިފެސްޓޯގައި މިކަންކަން ހިމަނާފައިވާއިރު އާޒިމާ ވިދާޅުވެފައިވަނީ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ތައްޔާރުކޮށްފައިވާ އެކްޝަން ޕްލޭނާ އެއްގޮތަށް އަމަލުކޮށް ޤައުމުގެ ތަރައްޤީއަށް ހާއްސަކޮށް މާލެ ސަރަހައްދުގެ ތަރައްޤީއަށް ސަރުކާރާއެކީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button