ޚަބަރުސިޔާސީ

އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިން އަރާ ފަޅުވެރިންނާ ސުވާލުކުރި މައްސަލައިގައި ވަޒީރުގެ ކަންބޮޑުވުން!

އދ.މަހިބަދޫއަށް ނިސްބަތްވާ އަސުރުމާ-3 ދޯނި މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދަށް ވަދެ އެ ދޯންޏަށް އިންޑިއާ ސިފައިން އަރާ ދޯނީގެ ފަޅުވެރިންނާ ސުވާލުކޮށްފިއެވެ.

އިންޑިއާ ސިފައިން ދޯންޏަށް އެރި މައްސަލައާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިން އެރީ ހއ.ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގައި ހަރަކާތްތެރިވަނިކޮށް ކަމަށާއި އެ އުޅަނދަށް އަރައި ދޯނީގެ ފަޅުވެރިންނާ ބޭރު ސިފައިން ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެކަމަކީ އޭނާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

މި ދޯންޏަށް އިންޑިއާ ސިފައިން އެރިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އެކަން ހިނގި ސަރަހައްދަށް ކޯސްޓު ގާޑުގެ އުޅަނދެއް އަންނަނީ ދަތުރުކުރަމުންނެވެ.

މި ހާދިސާގައި ބޭރު ސިފައިން އަސުރުމާ-3 ދޯންޏަށް އެރީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެ ދޯނި އޮއްވާ ކަމަށާއި، މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމްތަކުން އެކަން ކަށަވަރުކޮށްފައިވާ ގޮތުގައި އެ ދޯނި ހަރަކާތްތެރި ވަމުންއައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަމަށް ޝިޔާމު ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން ކޯސްޓުގާޑާއިއެކު ވަރަށް ގާތުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވެސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button