ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް ދިން ހަމަލާގެ ތަހުގީގު އަވަސްކޮށްދީ، އިންސާފު ޤާއިމުކުރުމަށް އެދި ވެރިކަންކުރާ ކޮންގުރެސް ކޯލިޝަނުން އިލްތިމާސްކޮށްފިއެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ޝަމީމަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރުމާއެކު، އެ ޖަރީމާ ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި، ދައުލަތުގެ ހުރިހާ ވަސީލަތްތަކާއި ޤާބިލުކަމަކާއި، އިޚުތިޔާރެއް ބޭނުންކުރުމަށް ގޮވާލާފައިވެއެވެ. އަދި އެކަން ހިންގި ބަޔަކު ހޯދާ، ތަހުގީގު އަވަސްކުރުމަށް ކަމާބެހޭ އިދާރާތަކަށް އެ ކޯލިޝަނުން އިލްތިމާސްކޮށްފައިވެއެވެ.
”ރާއްޖޭގެ ދާޚިލީ އަމްނު ގެއްލުވައިލުމަށް، އަދި ދައުލަތުގެ ޒިންމާދާރު ޚިދުމަތްތެރިންގެ ވާޖިބާ މަސައްކަތްޕުޅުތަކަށް ހުރަސްއެޅުމަށް ހިންގޭ މިފަދަ އަމަލުތަކަކީ އަނިޔާވެރި ޓެރަރިސްޓު ހަރަކާތްތަކެއް“ ކޮންގުރެސް ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.
ޝަމީމަށް ދިން ހަމަލާއަކީ ދުރާލައި ރާވައިގެން ފާރަލައިގެން ހިންގާފައިވާ އަމަލެއްކަމަށް ބެލެވޭ ކަމަށާއި، މިކަން ހިނގައިދިޔަ ގޮތުގެ އެންމެ ފުނަށް ވާސިލުވުމަށް ތަހުގީގުގައި މަސައްކަތްކުރުން މުހިއްމުކަމަށް ދެކޭ ކަމުގައި އެ ޕާޓީން ބުނެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
”ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި މި ކޯލިޝަން އޮތްހައި ހިނދު، ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ކޮންމެ ޚިދުމަތްތެރިއެއްގެ ސަލާމަތަށް އިސްކަންދިނުމަށް ސަރުކާރުގެ އިސްވެރިންނަށް ލަފާއަރުވައި، އެއްބާރުލުން ދިނުމުގައި މި ކޯލިޝަން އަބަދުވެސް ދެމިއޮންނާނެ“
އަދި ކޯލިޝަނުގެ ލީޑަރު ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި ކޯލިޝަނުގެ އިސްވެރިންނާއި، ހުރިހާ މެންބަރުންގެ ހެޔޮ ދުއާއާއި އިހުސާންތެރި ޝުއޫރުތައްވަނީ ޝަމީމާއެކުކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭނާއަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމާއި ރައްކާތެރިކަމާއި ސަލާމަތަށް އެދި ދުއާ ކުރާކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ޝަމީމަށް ނޫރު މިސްކިތް ކައިރިން ދިން ހަމަލާގައި އޭނާގެ އަތުގެ މުލައްދަނޑިއަށް އަނިޔާވި ނަމަވެސް އޭނާއަށް ސީރައަސް ބޮޑު އަނިޔާއެއް ލިބިވަޑައިގެންފައިނުވެއެވެ. ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު އޭނާ ވަނީ ގެކޮޅަށް ދޫކޮށްލާފައެވެ.