އދ.މަހިބަދޫއަށް ނިސްބަތްވާ އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިން އަރާ، ދޯނީގެ ސެޓެލައިޓު ނަންބަރު ހޯދަން އުޅެ އެ ނަންބަރު ނުދިނުމުން ދޯނީގެ ފަޅުވެރިންނަށް ބިރުދައްކައިފިއެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުގެ ރައީސް ހުސައިން ނަޝީދު އޮންލައިން ނޫސް ”މިހާރު“އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އުތުރު ކަނޑުން ތިން ދޯންޏަކަށް އިންޑިއާ ސިފައިން އަރާފައިވާ ކަމަށެވެ. އެގޮތުން ”އަސުރުމާ-3″، ”ނެރު-7“ އަދި ”މާހޯރާ-3“ ދޯންޏަށް އިންޑިއާ ސިފައިން އެރިކަމަށް އޭނާ ވިދާޅުވިއެވެ.
އަސުރުމާ-3ގެ ކެޔޮޅާ ހަވާލާދީ ނާޝިދު ވިދާޅުވެފައިވަނީ އެ ދޯނި އޮތް ސަރަހައްދުގައި އިންޑިއާ ކޯސްޓުގާޑުގެ ދެ އުޅަނދު ހަރަކާތްތެރިވި ކަމަށެވެ. އަދި އެއިން އެއް އުޅަނދުން ޑްރޯނެއް ފޮނުވައިގެން ބެލުމަށްފަހު ދޯންޏާ ކައިރިކޮށް ސިފައިން ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކުރަން ފެށި ކަމަށެވެ.
ނާޝިދު ވިދާޅުވި ގޮތުގައި އެ ދޯންޏަށް އިންޑިއާ ސިފައިންގެ 6 މީހުން އަރާ އެދުނީ ސެޓެލައިޓު ފޯނު ނަންބަރު ދިނުމަށެވެ. އެ ނަންބަރު ނުދިނުމުން ފަޅުވެރިންނަށް ބިރު ދައްކާފައިވާކަމަށް ކެޔޮޅާ ހަވާލާދީ ނާޝިދު ”މިހާރު“އަށް މައުލޫމާތު ދެއްވިއެވެ.
އިންޑިއާ ސިފައިން ދޯންޏަށް އެރުމާ ހަމައިން ކެޔޮޅު ކޯސްޓުގާޑާ މުވާސަލާތު ކުރިކަމަށާއި، ސެޓެލައިޓު ފޯނުގެ ނަންބަރު އިންޑިއާ ސިފައިންނަށް ނުދިނުމަށް ކޯސްޓުގާޑުން އިރުޝާދު ދިން ކަމަށްވެސް އޭނާ މައުލޫމާތު ދެއްވާފައިވެއެވެ.
އިންޑިއާގެ ދިފާއުގައި ވާހަކަދައްކާ ބައެއް ފަރާތްތަކުން އެ ދޯނި އޮތީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތީޞާދީ ސަރަހައްދުން ބޭރުގައިކަމަށް ބުނި ނަމަވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުޅަނދުތައް މޮނީޓާކުރަން މިނިސްޓްރީން ގެންގުޅޭ ވަސީލަތްތަކުގެ ޒަރީއާއިން އެ ދޯނި ހަރަކާތްތެރިވީ ރާއްޖޭގެ އިމުގެ ތެރޭގައިކަން ޔަގީންވާ ކަމަށެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އެ މައްސަލަ ފެންމަތިވުމާއެކު، ކޯސްޓުގާޑުގެ އުޅަނދެއް އެ ހާދިސާ ހިނގި ސަރަހައްދަށްވަނީ ފޮނުވާފައެވެ. އަދި އެ މައްސަލަ ބެލުމުގެ މަސައްކަތް އެ އިދާރާއިންވަނީ ފަށާފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ދިވެހި މަސް ދޯންޏަކަށް އިންޑިއާ ސިފައިން އެރުމަކީ ރާއްޖޭގެ ސަރަހައްދީ ސިޔާދަތަށް އިހުތިރާމު ނުކުރުންކަން ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގެ އެކި މަންސަތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.