ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުމަކީ ހައްލެއް ނޫން: ރައީސް ސޯލިހު

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލު ނޫންކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ”ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް“ އިފްތިތާޙްކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުޑަކުދިންގެ ހެދި ބޮޑުވުމަށާއި، އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެންމެ މުހިންމީ ޢާއިލީ ގުޅުމުގެ ބަދަހިކަން ކަމަށާއި، ޢާއިލާގެ ތެރެއިން އެކުދިންނަށް ލޯތްބާއި އޯގާތެރިކަން އިޙްސާސްވާނީ، ގެވެށި ގުޅުން ބަދަހިވި ވަރަކުންކަމަށެވެ. އެހެންކަމުން ގެވެށި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން، ސަރުކާރުން މިހާރުވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ދައުލަތުން ކިތަންމެ އޯގާތެރިކަމާއެކު، ކިތަންމެ ހޭހަންކޮށްގެން ކުދިން ބެލެހެއްޓިޔަސް، މައިންބަފައިންގެ ލޯބިން މަޙްރޫމުވުމުން ކުޑަކުދިންނަށް އެލިބޭ އުނިކަމާއި ހިތްދަތިކަން ފޫބެއްދޭނެ ގޮތެއް ނޯންނާނެކަމަށެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، މައްސަލަތަކަށް އޮތް ހަމައެކަނި ޙައްލު ނޫންކަމަށާއި، އެކުދިންގެ ކުރިމަގަށް ވެސް އެންމެ ރަނގަޅު ގޮތަކީ، ގާތްތިމާގެ މީހުންނާ އެކުގައި މުޖްތަމަޢާ ލާމެހިގެން އުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ. މިގޮތުން ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލެ ފިޔަވަތީގައި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އައި ކުދިންނަށް އިޖްތިމާޢީ ޢާއިލީ ވެއްޓެއް ހޯދައިދިނުމަށް، 6 ރަށެއްގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން އަމާން ވެށިތަކެއް ޤާއިމުކޮށް، އެކުދިން މިހާރު ވާނީ އެ ތަންތަނަށް ބަދަލުކުރެވިފައިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

”ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް“ އާއި ގުޅޭ ގޮތުން ރައީސް ސޯލިހު ވިދާޅުވީ، މިސިމްޕޯޒިއަމް މިބޭއްވީ އެކަމަށް ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. މިގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން، މަހާސިންތާގެ މަޝްވަރާތަކުން ދެނެގަނެވޭނެ ކަމުގައި ވިދާޅުވިއެވެ.

މި ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ، ސިމްޕޯޒިއަމް އާއި ގުޅޭ ގޮތުންތައްޔާރުކޮށްފައިވާ ފޮތެއް ރައީސް ސޯލިހުއަށް ވެދުމަަށް ވަނީ އަރުވާފައެވެ. ”ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް“ ކުރިއަށްދާނީ، މިއަދާއި މާދަމާ، ކްރޮސް ރޯޑް މޯލްޑިވްސްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button