ޚަބަރު

ފުރަތަމަ 3 އަހަރު ހިލޭ ޙައްޖަށް ފޮނުވައިދޭނީ 50 އަހަރާ 60 އަހަރާ ދެމެދުގެ ފަގީރުން: އިސްލާމިކް މިނިސްޓްރީ

ރިޔާސީ ދައުރުގެ ފަސް އަހަރުގެ ތެރޭގައި ޖުމްލަ 1،000 ފަޤީރުން ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ގެންގޮސް ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ފުރަތަމަ 3 އަހަރު ހިލޭ ޙައްޖަށް ފޮނުވައިދޭނީ 50 އަހަރާއި 60 އަހަރާ ދެމެދުގެ ފަގީރުން ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ރައީސް ޑރ.މުޢިއްޒުގެ ރިޔާސީ ވައުދުފުޅު ފުއްދުމަށް އެކަށައަޅަންޖެހޭ ސިޔާސަތުތައް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި އެކަށައަޅައި ނިންމެވުމަށް ވެސް ހަފުތާ 14ގެ ނަމުގައި އިއުލާނުކުރެއްވި ފުރަތަމަ 100 ދުވަހުގެ ޕުލޭނުގައި ވަނީ ހިމަނުއްވާފައެވެ.

ހިލޭ ޙައްޖަށް ފަޤީރުން ގެންދިއުމާ ގުޅޭ އުސޫލުގެ ބައެއް މަސައްކަތްތައް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް  އެކަށައަޅާފައިވާ ނިންމުންތަކުގެ ތެރެއިން ބައެއް ކަންކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މި ސިޔާސަތުގެ ދަށުން އުމުރުން 70 އަހަރުން ދަށުގެ ޞިއްޙީ ހާލަތު އެކަމަށް ތަންދޭ މީހުން ހައްޖަށް ގެންދިއުމެވެ. ސަރުކާރުގެ ފުރަތަމަ 3 އަހަރު އިސްކަންދޭނީ އުމުރުން 50 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ. އެއަށްފަހު ޖެހިގެން އަންނަ 2 އަހަރު 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް މި ސްކީމުގެ ދަށުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.

މި އަހަރު ޙައްޖަށް ގެންދާ މީހުންގެ ޚަރަދުތައް ޒަކާތު ފަންޑުން ހަމަޖައްސާ ގޮތަށް ކެބިނެޓުން ވަނީ ނިންމާފައެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ދައުލަތުގެ ބަޖެޓުންނާއި އެކި ފަރާތްތަކުން ސްޕޮންސާ ހޯދައިގެން މި ސްކީމުގެ ޚަރަދުތައް ހަމަޖެއްސުމާމެދު ކެބިނެޓުގައި ވަނީ މަޝްވަރާކުރެވިފައެވެ.

ދައުލަތުގެ ޚަރަދުގައި ޙައްޖަށް ގެންދާނެ ފަޤީރުން ކަނޑައަޅާނީ ދައުލަތުން އެކުލަވައިލައި އަދާހަމަކޮށް ބަލަހައްޓަމުންދާ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރަށް ރިއާޔަތްކޮށްގެންނެވެ. އެ ދަފުތަރުގައި ހިމެނެނީ ޒަކާތުގެ ހައްގުވެރިންކަމަށްވާތީ ހައްޖަށް ދިއުމުގައި އެމީހުންނަށް ދައުލަތުގެ އެހީތެރިކަން ޙައްޤުވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމު އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button