ޚަބަރުސިޔާސީ

އިކޮނޮމިކް ޒޯން ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ރައީސް އިފުތިތާހު ކޮށްދެއްވައިފި

ޖުމްލަ 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފުތިތާޙް ކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢު އިފުތިތާޙް ކޮށްދެއްވީ މިކަމަށް ޓަކައި  ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ.

މި  މަޝްރޫޢު އިފްތިތާޙް ކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އިފްތިތާޙް ކުރެއްވީ ދިވެހިންގެ އުންމީދު ކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކާ އެކުއެކީގައި މި ބޮޑު މަޝްރޫޢުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދަވަން ރާވާފައިވާ ކަމުގައި ވިދާޅުވިއެވެ. އެގޮތުން މިހާރު ކުރިއަށްދާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އަހަރަކު ޖުމްލަ 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތެއް ނަމަވެސް  މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު ޚިދުމަތްތަކާއި ވަޞީލަތްތައް ތަރައްޤީކުރެވި، އެ އަދަދު ޖުމްލަ 25 މިލިޔަނަށް އިތުރު ވެގެން ދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި  މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތްތައް މި އަހަރު ފެށިގެންދާއިރު މުޅި މަޝްރޫޢުގެ ބޮޑުބައި މި ފަސްއަހަރުގެ ތެރޭގައި ނިންމައި 10 އަހަރުގެ ތެރޭގައި މަޝްރޫޢުގެ އެންމެބޮޑެތި މަސައްކަތްތައް ނިންމަވަން ރާވާފައިވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ތެރޭގައި މިހާރުގެ ސީޕްލޭން ޓަރމިނަލް އެހެންތަނަކަށް ބަދަލުކުރުމާއި، ޖެޓްތަކަށް ޚާއްޞަ ޓަރމިނަލެއް ހެދުމާއި، ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތްދެވޭ ވަރަށް ޑޮމެސްޓިކް ޓަރމިނަލް ތަރައްޤީކުރުމާއި، ކާގޯ ފެސިލިޓީ ތަރައްޤީކުރުމާއި އަދި ފުނަދޫގައި ހުންނަ ތެޔޮ ސްޓޯރޭޖް އެހެންތަނަކަށް ބަދަލުކޮށް އެރަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުން ފުނަދޫ، މަލެއާއި ހުޅުލެއާ ބްރިޖުން ގުޅުވާލުމާއި، ހުޅުލެއާއި ހުޅުމާލެއިން ސީޕްލޭން ޓަރމިނަލްއާ ވެސް ގުޅުވާލުމަށް ރާވާފައިވެއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button