ޚަބަރު

ރައީސް ޔާމީން ވެރިކަމުގައި އަޅަންފެށި ”ވިނަރެސް“ ފްލެޓްތައް ވަރަށް އަވަހަށް ދޫކުރާނެ: އެޗްޑީސީ

ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގައި އިމާރާތް ކުރަންފެށި “ވިނަރެސް” އެޕާޓްމަންޓްތައް ގަންނަ ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލަން ދެން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އެ ފްލެޓްތައް ވިއްކަން ހުޅުވާލާނެ ކަަމަށް ބުނެ މީގެ ކުރިން އެޗްޑީސީއާއި ހައުސިން މިނިސްޓްރީން އެކި ތާރީހުތައް ދީފައިވާ ”ވިނަރެސް“ މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނެ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އޮންލައިން ނޫހެއް ކަމުގައިވާ ”މިހާރު“ އަށް މިއަދު ވިދާޅުވީ ވިނަރެސް ފްލެޓްތައް ދޫކުރުމުގައި ކުރިން މަސައްކަތްކުރީ އެ ކަމަށްޓަކައި ހައުސިން މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ޕޯޓަލެއްގެ ތެރެއިން ބައެއް ކަންކަން ކުރަން ކަމަށެވެ.

ސުހައިލް ވިދާޅުވި ގޮތުގައި ޕްލޭނިންގ މިނިސްޓްރީއާއިއެކު ބައެއް ކަންކަން ނިންމާލަން ދެން އެންމެ މީޓިންއެއް ބާއްވާލީމާ ނިމޭނެ ކަމަށާ އެއީ ޕްލޭނިން މިނިސްޓްރީގެ ޕޯޓަލްގެ ތެރޭގައި ހުރި ސޯޝަލް ކްރައިޓީރިއާގެ ބައެއް އެޗްޑީސީގެ ޕޯޓަލްގެ ތެރެއަށް ބަދަލުކުރުން ކަމަށާ އޭރުން ފަސޭހަވާނެ ކަމަށްވެސް ސުހައިލް ވިދާޅުވެފައިވެއެވެ.

”ޓެކްނިކަލް ބައެއް ކަންކަން ހައްލު ކުރަން ނެގި ވަގުތެއް މި ދިޔައީ.“ ސުހައިލް ވިދާޅުވިއެވެ.

އެ ތަންތަން އާންމުންނަށް ވިއްކަން ހުޅުވާލުވުމުގެ ކުރިން އެޗްޑީސީން ވަނީ ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދަން ނިންމި އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނާއި ހިޔާ އިން ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް ދޫކޮށްލައި ”ވިނަރެސް“ ފްލެޓަށް ބަދަލުވާން ބޭނުންވާ މީހުން އަދި ގުޅިފަޅުން ފްލެޓް ގަތް މީހުންނަށް ”ވިނަރެސް“ ގަތުމުގެ ފުރުސަތު ދީފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button