ޚަބަރުސިޔާސީ

ޔާމީންގެ މައްސަލަ މަދަނީ މިންގަނޑުން ބަލަން ނިންމިއިރު ދައުލަތުގެ މައިގަނޑު ހެކި ބިނާވެފައިއޮތީ ފާސިގުންގެ މައްޗަށް

ވ.އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރާ ރިޝްވަތު އަދި މަނީ ލޯންޑަރިންގެ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުގެ މައިގަނޑު ހެކި ބިނާކޮށްފައި އޮތީ ފާސިގުންގެ ހެކިބަހަށް ކަމަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑު އެހުމުގައި މައްސަލަ ބައްލަވާ ގާޟީ އަހުމަދު ޝަކީލު ވަނީ އެ މައްސަލަ މަދަނީ މިންގަނޑުން ކުރިޔަށް ގެންދެވުމަށް ނިންމާފައެވެ.

މިގޮތަށް ނިންމެވުމުގެ ކުރިން ރައީސް ޔާމީންގެ ވަކީލުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ދެ ހެކިން ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރިގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތަކީ ފާސިގުންގެ ގޮތުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު، އެ ދެ ފަރާތުގެ ވާހަކަތަކަށް ބުރަދަނެއް ލިބޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަން ފާހަގަކުރައްވާފައެވެ. އަދި މި މައްސަލައިގައި ޔާމީނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށް، ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ޔޫސުފް ނައީމް ވެސް ވަނީ އެވާހަކަތަކަށް ތާއީދު ކުރައްވާފައެވެ.

އެކަމަކު ދައުލަތުގެ ވަކީލުން ވަނީ އަދީބާއި ޒިޔާތުގެ ވާހަކަތަކަށް ބާރުލިބޭ ހެކި ހުށަހަޅާފައިވާނެ ކަން ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްފައެވެ. އަދި އެ މައްސަލަ މަދަނީ މިންގަނޑުން ކުރިޔަށް ގެންގޮސްދިނުމަށް އެދުނެވެ. އެއާއެކު ގާޟީ ޝަކީލް ނިންމެވީ އެ މައްސަލަ މަދަނީ މިންގަނޑުން ކުރިޔަށް ގެންދިޔުމަށެވެ.

ދައުލަތުން ރައީސް ޔާމީންގެ މައްސަލައިގައި ދައުވާ ކުރާ ރިޝްވަތު ހިއްޕެވި ކަމުގެ މައްސަލައާއި ގުޅޭގޮތުން އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރައީސް ޔާމީނާއި ޔޫސުފް ނައިމާއި ދެމެދު ހިނގާފައިވަނީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމުގައެވެ. އެއީ އެއްވެސް ކަމެއްގެ މުގާބިލުގައި ލިބުނު ފައިސާއެއް ނޫން ކަމަށްވާއިރު، އެއިން ޔާމީނަށް ލިބުނު މަންފާއެއް ނެތްކަން ޖަމީލް ފާހަގަކުރެއްވިއެވެ.

ޖަމީލްގެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ ޔާމީނަށް ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން އެފަދަ މުއާމަލާތެއް ހިންގުމަށް ގާނޫނު އަސާސީގެ 119 ވަނަ މާއްދާ ތަން ނުދޭ ކަމުގައެވެ. އެއާއެކު ޑރ.ޖަމީލް ވަނީ ދައުލަތުން ރައީސް ޔާމީން ފްރޭމް ކުރުމަށް މަސައްކަތް ކުރާކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެކަމަށްވެސް ދައުލަތުން އިންކާރު ކުރިއެވެ.

މިއަދުގެ އަޑުއެހުމުގައިވެސް ރައީސް ޔާމީންްގެ ފަރާތްޕުޅުން ވަނީ ޝަރީއަތް ލައިވްކޮށް ކުރިއަށް ގެންްދިއުމާމެދު ކޯޓުގެ ނިންމުމަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އެ ސުވާލަށް ގާޟީ ޝަކީލު ޖަވާބެއް ނުދެއްވިއެވެ.

ޔާމީންގެ ޝަރީއަތް ލައިވް ކުރުމަށް ސަންގު ޓީވީ އާއި ޗެނަލް 13 އިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށް ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށަހަޅާފައެވެ. އެކަމަށްވެސް އެއްވެސް ޖަވާބެއް ނުދެއެވެ.

މިއަދުގެ އަޑުއެހުން ނިމުނީ މައްސަލަ ފެށުމުގެ ކުރިން ހުށައަަޅަން ހުރި ލިޔެކިޔުންތައް ހުށައެޅުމަށް ދައުލަތާއި ދައުވާ ލިބޭ ދެ ފަރާތަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށް އެންގުމަށް ފަހުގައެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މޭ މަހުގެ 25 ވަނަ ދުވަހުގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި އޮންނާނީ ދެ ފަރާތުން ހުށައަޅާފައިވާ ހުށައެޅުންތަކާއި މެދު ވާހަކަދެއްކުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button