ޚަބަރުސިޔާސީ

މަޖިލީހުގެ ދައުރުގެ ފަހު ޖަލްސާ ބާއްވަން ނިންމައިފި!

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ނުނިންމައި އޮއްވާ މަޖިލީހުގެ ދައުރުގެ ފަހު ޖަލްސާ ބާއްވަން ނިންމާފައިވާކަން މަޖިލީހުން ހާމަކޮށްފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ފަހުން، އެ މަސައްކަތް ނުނިމޭތީ މަޖިލީހުގެ ދައުރު ދެ ފަހަރެއްގެ މަތިން ވަނީ ދަންމާލާފައެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކޮށް ނިންމައި މަޖިލީހުގެ ކޮމިޓީން މި މަހުގެ 18 ވަނަ ދުވަހުގައި މަޖިލީހުގެ ތަޅުމަށް ފޮނުވި ނަމަވެސް، އެ ކޮމިޓީން ފޮނުވި ރިޕޯޓު ފުރިހަމަނުވާކަމަށް ބުނެ މަޖިލީހުގެ ކޮމިޓީއަށް އަނބުރާ މައްސަލަ ވަނީ ފޮނުވާލާފައެވެ.

ރިޕޯޓު ފުރިހަމަނުވާކަމަށް އެމްޑީޕީން ބުނެފައިވަނީ އެ ރިޕޯޓުގައި ވުޒާރާތަކުގެ މެންޑޭޓު ފާސްކުރަން ނިންމާފައިނުވާތީއެވެ. ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޒީރުންގެ މަޖިލީހަށް ރުހުން ދީފައިވާއިރު ވެސް ވުޒާރާތަކުގެ މެންޑޭޓު ފާސްކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.

މައްސަލަ ކޮމިޓީއަށް ފޮނުވި ފަހުން ކޮމިޓީގެ ކޯރަމް ހަމަނުވުމާ ގުޅިގެން އެ ރިޕޯޓުގެ މަސައްކަތް އޮތީ ކޮމިޓީ މަރުހަލާގައި ތާށިވެފައެވެ. އެ މައްސަލަ ކުރިއަކަށް ނުދެއެވެ.

މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރާ ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ނިންމައި ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުން ފެށިގެން މަޖިލިސް ޗުއްޓީއަށް ނުވަތަ ރިސެސްއަށް ދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button