ޚަބަރުސިޔާސީ

ޒަމާނީ ޕްލެޓްފޯމްތަކާއި ވަސީލަތްތައް އެމްއެންޑީއެފަށް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދަނީ

ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާ ކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި، ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަސީލަތްތައް އެމްއެންޑީއެފަށް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގާނޫނު އަސާސީ އާއި ދިވެހި ދައުލަތް ދިފާއުކޮށް ހިމާޔަތް ކުރުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރިކަމާއެކު ދެމެހެއްޓުމާއި، ރާއްޖޭގެ ސަރަހައްދާއި ހާއްސަ އިގްތިސޯދީ ސަރަހައްދު ދިފާއުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ރާއްޖެއަށް ދިމާވާ ގުދުރަތީ ކާރިސާތަކާއި އަދި އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނާ އާއި މުދާ ސަލާމަތް ކުރުމުގައި އިސްވެ ހަރަކާތްތެރިވުމާއި، ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތް ކުރުމާއި، ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނަ އާއި މުދާ ސަމާލަަަތް ކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައި ވަނީ ދިވެހި ސިފައިންނަށް ކަމަށެވެ.

 

ދިވެހި މަސްކަނޑުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި، ރާއްޖޭގެ ސަރަހައްދުގައި ހިނގާފާނެ ޓްރެފިކިންގ އާއި މެރިޓައިމް ޓެރެރިޒަމް ފަދަ ”ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްސް“ތައް ހުއްޓުވުމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ އެކްސިޑެންޓްތަކާއި އެހެނިހެން ހާދިސާތަކުގައި މީހުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމަށް ހިންގަން ޖެހޭ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި އިސްވެ ހަރަކާތްތެރިވާން ޖެހޭނީ ވެސް އެމްއެންޑީއެފް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

 

އެކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ އެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގެ ގާބިލްކަން ހުރި، އަދި ބަދަލުވަމުންދާ ސަލާމަތީ މަޝްރަހުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި، ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލްކަން ހުރި ޒަމާނީ އަސްކަރިއްޔާއަކަށް އެމްއެންޑީއެފް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ އެއް ކަންތައްކަމަށެވެ.

 

އެހެންވެ ސިފައިންގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގައުމީ ސަލާމަތާއި ބެހޭ މަޖިލީހުގެ ލަފަޔާއި، ދިވެހި ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާ ކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި، ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަސީލަތްތައް އެމްއެންޑީއެފްއަށް ހޯދައިދިނުމުގެ ކުރަން ޖެހޭ ކަންކަން ކުރަމުންދާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button