ޚަބަރު

ހައްޖުވެރިންނަށް އެހީތެރިވެދޭނެ މީހުން ހޯދަނީ!

ހައްޖުވެރިންނަށް ހިލޭ ސާބަހަށް އެހީތެރިވެދޭނެ މީހުން ހޯދަން ފަށައިފިއެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދާ މީހުންނަށް, އެހީތެރިންގެ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ފަށައިފިއެވެ.  އެހީތެރިންގެ ގޮތުގައި ހޮވާނެ ވަކި އަދަދެއް ކަޑައަޅާނީ ހައްޖާޖީންގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދީފައިވެއެވެ.

ހައްޖުވެރިންނާއެކު އެހީތެރިންގެ ގޮތުގައި ދާ ފަރާތްތަކަކީ ގިނަ ވަގުތު މަސައްކަތުގައި އުޅުމުގެ ގާބިލުކަން ހުރި، ސިއްހަތު ރަނގަޅު ފަރާތްތައް ކަމުގައި ވާންވާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ. ހަމައެފަދައިން، އެހީތެރިންގެ ގޮތުގައި ހޮވާނީ އަސާސީ ތައުލީމު ފެންވަރު ހުރި މީހުންކަމުގައި ބުނެފައި ވެއެވެ.

ހައްޖާޖީންގެ އެހީތެރިންގެ މަސްއޫލިއްޔަތުތައް:

  • ހައްޖުވެރިންނަށް ދިމާވާ ކަންކަމުގައި އެހީތެރިވެ ދިނުން
  • ހައްޖުވެރިންނަށް ދޭންޖެހޭ މައުލޫމާތު ދުވަހުން ދުވަހަށް ދިނުން
  • ހައްޖާޖީންގެ ކަންކަން ކޯޕަރޭޝަނަށް ހިއްސާކުރުން
  • ހައްޖާޖީންގެ ކެމުގެ ކަންކަމާއި ބާޒާރުކުރުމުގެ ކަންކަން ފަހިކޮށްދިނުން
  • ހައްޖުގެ މަޝާއިރުތަކުގައި ހައްޖުވެރިންނަށް އެހީތެރިވެދިނުން

ހައްޖުވެރިންނަށް އެހީތެރިވުމަށް ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 13 ވާ އަންގާރަ ދުވަހުގެ މެންދުރު 02.00ގެ ކުރިން ފޯމު ހުށަހެޅުމަށް އެ ކޯޕަރޭޝަނުން އެދިފައިވެއެވެ. އަދި ކުރިމަތިލާ ފަރާތަކީ މީގެކުރިން ހައްޖާޖީންނަށް އެހީތެރިވުމުގެ މަސައްކަތް ކޮށްފައިވާ މީހެއްނަމަ އެކަން އަންގައިދީ އެ ކޯޕަރޭޝަނަށް އައިޑީ ކާޑުގެ ކޮޕީއާއިއެކު ހުށަހެޅުމަށް ވެސް އެ ކޯޕަރޭޝަނުން އެދިފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button