ޤަވާޢިދާ ޚިލާފަށް މާލޭގެ މަގުތަކުގައި ޕާކުކޮށްގެން ޓޯކުރާ ވެހިކަލްތައް ބެހެއްޓުމަށް އިތުރު ބިމެއް ބޭނުންވާ ކަމުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ބިން ހޯދުމަށް އިކޮނޮމިކް ކައުންސިލަށް ހުށައަޅައިގެން ވެހިކަލް ޓޯކުރުމަށް އިތުރު ބިމެއް ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ މާލެސިޓީގެ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމަށް ވިޔަފާރި އުސޫލުން ކަންކަން ކުރަން ފަށަންޖެހޭ ކަމަށެވެ. ޓޯކުރުމުގެ މަސައްކަތްތަކަކީ ފުލުހުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެކަނި ބަލައިގެން ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ވިޔަފާރި އުޞޫލުން ސްކްރެޕް ޔާޑެއް ހިންގާނެ ބަޔަކު ހޯދަން ބޭނުންވާ ހާލަތަށް މިހާރު ވަނީ ގޮސްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލެސިޓީގެ ވެހިކަލް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަދި މާލެސިޓީ ކައުންސިލް ގުޅިގެން ގިނަ ކަންތައްތަކެއް ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.