ޚަބަރުސިޔާސީ

މަޖިލިސް އިންތިހާބު ފަސްކުރުމަށް ފާސްކުރި ބިލު ރައީސް ތަސްދީގުކުރައްވައިފި

20ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ބަންޑާރަނައިބުގެ ލަފާފުޅާއެކު، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.

ފުރަތަމަ ފަހަރަށް މަޖިލީހުން ބިލު ފާސްކޮށް ތަސްދީގުކުރަން ފޮނުވުމުން ރައީސްވަނީ އެމަނިކުފާނަށް ޤާނޫނު އަސާސީން ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ބިލު އަނބުރާ ފޮނުއްވާފައެވެ. ބިލު އަނބުރާ ފޮނުއްވުމުގައި ބިލުގައި ހުރި ގިނަ މައްސަލަތަކެއް ރައީސް ފާހަގަކުރެއްވިއެވެ. އަދި ބިލު އޮތް ގޮތުން ޤާނޫނު އަސާސީގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ކަންކަން ނުކުރެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ބިލު އަނބުރާ މަޖިލީހަށް ފޮނުއްވުމުން، ބިލު އަލުން ފާސްކޮށްފައިވަނީ މަޖިލީހުގެ 3 ބައިކުޅަ 1 ބައި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލު ފާސްކުރި ފަހުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތާމެދު ސުޕްރީމް ކޯޓުންވަނީ ގޮތް ނިންމާފައެވެ.

ސުޕްރީމް ކޯޓުން ނިންމި ގޮތުގައި މަޖިލީހުގެ މެންބަރުންގެ ތެރެއިން ގޮނޑި ހުސްވެފައިވާ މެންބަރުން ނުހިމަނައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެކެވެ.

ނ.ކެނދިކުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާއެކު މަޖިލީހުން އިސްތިއުފާދެއްވި މެންބަރުން ނުހިމަނައި ޖުމްލަ މެންބަރުންގެ އަދަދު ގުނައިގެން މަޖިލީހުން ނިންމާ ނިންމުންތަކުގެ ގާނޫނީ ސައްހަކަމާމެދު ސުވާލު އުފެދިފައިވާތީ، އިންތިޚާބު ފަސްކުރުމުގެ ބިލު ތަސްދީގު ކުރެއްވުމާމެދު ބަންޑާރަނައިބުގެ ލަފާފުޅު ހޯއްދަވާނެ ކަމަށެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ ރަމަޟާން މަހު އިންތިޚާބު ބޭއްވުމަކީ އެމަނިކުފާނު ވެސް އެދިވަޑައިގަންނަވާ ގޮތެއް ނޫންކަމަށާއި، އެމަނިކުފާނު އެދިވަޑައިގަތީ މަޖިލިސް އިންތިޚާބު ރަަމަޟާން މަހުގެ ކުރިން ބޭއްވުމަށް ކަމަށެވެ.

ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނު ހުރިހާ ކަމެއްވެސް ކުރައްވާނީ ގާނޫނުއަސާސީއާއި ގާނޫނުތަކުގައިވާ ގޮތަށް ކަމަށެވެ. އިންތިޚާބު ފަސްކުރުމުގެ ބިލު ތަސްދީގު ކުރެއްވުމާމެދު ބަންޑާރަނައިބު ދެއްވާ ލަފާފުޅާ އެއްގޮތަށް އަމަލުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button