ހުރާ ދާއިރާގެ ރައްޔިތުންގެ މަޖިލިސް ގޮނޑިއަށް ޕީޕީއެމް ޕީއެންސީން ވާދަކުރައްވާ އަބްދުﷲ ވާރިޝް (ވާރި) އަށް ހިންމަފުށިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އިންތިހާބުގެ ކަންކަން ގަދަހިފުމަކަށް ދިޔަ ހުރާ ދާއިރާގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓް، ވާރި މިއަދު ހަވީރު ހިންމަފުއްޓަށް ދިއުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އޭނާއަށް މަރުހަބާ ކިޔުމަށް ބަނދަރަށް ގޮސްފައެވެ.
އެ ރަށު ކައުންސިލްގެ ކުރީގެ ރައީސާއި، ކަމުވޮށިގެންވާ އިސް ބޭފުޅުންނާއި، ވިޔަފާރިވެެރިންގެ އިތުރުން ޒުވާނުންގެ ތާއީދު ވާރިއަށް އޮތްކަން ދެއްކުމުގެ ގޮތުން އޭނާގެ ކެމްޕެއިން ޓީމުން ބޭއްވި އާންމު ބައްދަލުވުމުގައި ވަނީ ބައިވެރިވެފައެވެ.
އެ ބައްދަލުވުމުގައި ކ.ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީނާއި، ހިންމަފުށީ ކައުންސިލްގެ ކުރީގެ ރައީސް ޝާން އާއި، ޕްރައިމަރީގައި ވާރި އާއި ވާދަކުރި ހަސަން ޒައިދު އިތުރުން ވާރިގެ ކެމްޕެއިން އެޖެންޓު އަލް އުސްތާޒު މުހައްމަދު ރާޣިބު ވަނީ ވާހަކަ ދައްކަވާފައެވެ. ޖުމްލަ ގޮތެއްގައި ހުރިހާ ބޭފުޅުން ވެސް ވަނީ ދާއިރާގެ ރައްޔިތުން ވާރިގެ ހިދުމަތް ބަލައިގެންފިކަން ފާހަގަކުރައްވާފައެވެ.
އޭގެ ހެއްކެއްގެ ގޮތުގައިވެސް ހުރިހާ ބޭފުޅުން ފާހަގަކުރެއްވީ އާދައިގެ ސާދާ ދިރިއުޅުމެއްގެ ވެރި ވާރިގެ ސިޔާސީ ދަތުރެވެ. އެގޮތުން ގުޅީ ރަށު ކައުންސިލްގެ ރައީސް ކަމާައި ކ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަމުގެ ދެ ދައުރުގައި ވާރި ކުރެއްވި އިހުލާސްތެެރި ބުރަ ހިދުމަތްތަކުގެ ތަފްސީލް އެބޭފުޅުން ވަނީ ދެއްވާފައެވެ.
ވާރިގެ މިދަތުރުގައި ”ބޮންތި“ އިން ބައިވެރިވެފައިވާތީ މި ބައްދަލުވުމުގައި ބައިވެރިވި ބައެއް އާންމުންނާ ވަނީ އޭނާއާ ބެހޭގޮތުން ސުވާލު ކޮށްފައެވެ. އެމީހުން ބުނިގޮތުގައި ވާރިއަށް ތާއީދު ކުރަނީ ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ދާއިރާގެ ހަމައެކަނި ދަރިއަކީ ވާރި ކަމުގައިވާތީއެވެ.
ހުރާ ދާއިރާގެ މިފަހަރުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީ ބޮޑު ތަފާތަކުން ވާރި ކާމިޔާބު ކުރިއިރު، ޕްރައިމަރީގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރޭގައި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމްވެސް ހިމެނެއެވެ.