ބޯހިޔާވަހިކަމަށް ހާއްސަ ’ހިޔާވަހި ޕޯޓަލް‘ ލޯންޗު ކޮށްފިއެވެ.
މި ޕޯޓަލް ލޯންޗުކޮށްދެއްވީ އެކަމަށް ހާއްސަ ރަސްމިއްޔާތެއްގައި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްއެވެ.
މި ޕޯޓަލްއަކީ ސަރުކާރުގެ ބޯހިޔާވަހިކަމާ ގުޅުން ހުރި ހުރިހާ ކަމަކަށް އޮންލައިންކޮށް ހުށަހެޅުމަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ޕޯޓަލް އިން ހައުސިން ޕްރޮފައިލް ފުރިހަމަކޮށް ހައުސިން ސްކީމްތަކަށް ހުށަހަޅާ ބޯހިޔާވަހިކަމުގެ ލޯނުތަކުގެ އިތުރުން ބޯހިޔާވަހިކަމާ ގުޅުން ހުރި ޝަކުވާ ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.
އެ މިނިސްޓްރީ އިން ބުނެފައިވަނީ އީފާސް މެދުވެރިކޮށް ހިޔާވަހި ޕޯޓަލްއަށް ލޮގިން ވެގެން ބޭނުން ކުރެވޭ މި ޕޯޓަލްގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން ސްކީމްތައް ހުށަހެޅުމުން އެޕްލިކޭޝަން ދަރަޖަކޮށް މި ޕޯޓަލް މެދުވެރިކޮށް ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއި ރަޖިސްޓަރީ ކުރުމާއި އެ ފަރާތްތަކުގެ މައުލޫމާތު ރައްކާކޮށް ހައުސިންއާ ގުޅޭ ހައުސިން ނީޑްސް އެސެސްމަންޓް ހެދުމުގެ މަސައްކަތް ކައުންސިލްތަކާ ގުޅިގެން ކުރާނެ ކަމަށެވެ.
އަދި މުސްތަގުބަލުގައި ސަރުކާރުން އެކުލަވާލާ ބޯހިޔާވަހިކަމުގެ މަޝްރޫތައް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ މި ޕޯޓަލް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވީ، މި ޕޯޓަލް އާ އެކު ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ދަފްތަރެއް އެކުލަވައިލާނެކަމަށެވެ.