
ޓޫރިޒަމް މިނިސްޓްރީން ’އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭން‘ އިފްތިތާހުކޮށްފިއެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާ އެ މަޝްރޫއުއަކީ އައްޑޫއަށް ހާއްސަ ފަތުރުވެރިކަމުގެ މަޝްރޫއެކެވެ.
އައްޑޫއަށް ހާއްސަކޮށްގެން އިފްތިތާހު ކުރި މި ޕްލޭނަކީ އެ ސަރަޙައްދުގެ ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން، އައްޑޫ ސިޓީގެ އިޤްތިޞާދީ ކުރިއެރުމަށް ވެސް މުހިއްމު ޕްލޭނެކެވެ. މި ޕްލޭންގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވެވަޑައިގެންނެވި ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ 6000 ޓޫރިސްޓް އެނދު ޤާއިމުކުރުމާއި، 10000 ވަޒީފާ އުފައްދައި، ޝަންގްރިއްލާގެ އޮޕަރޭޝަން އަލުން ކުރިއަށް ގެންދިއުމާއި ފުރަތަމަ އަހަރުގެ ތެރޭގައި ސީޕްލޭން ހަބެއް ގާއިމުކުރުން ހިމެނެއެވެ.
މީގެ އިތުރުން ކަލްޗަރަލް ވިލެޖާއި ވެލްނެސް ޒޯންތަކާއި މެރިން ޕްރޮޓެކްޓެޑް އޭރިއާތަކާއި ހޮސްޕިޓާލިޓީ ސްކޫލް އުފެއްދުން ފަދަ ގިނަ ކަންތައްތަކެއްވެސް މި ޕްލޭންގައި ހިމަނާފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މި ހަރަކާތްތަކުގެ މަޤްޞަދަކީ ހަމައެކަނި ޒިޔާރަތްކުރާ ފަރާތްތައް ޝައުޤުވެރިކުރުވުމުގެ އިތުރުން އައްޑޫސިޓީގެ މުއްސަނދި ތަރިކައާއި ގުދުރަތީ ރީތިކަން ދައްކުވައިދީ، ފަތުރުވެރިންނާއި ދިވެހީންނަށް ވެސް ތަފާތު އަދި ހިތްގައިމު ތަޖުރިބާއެއް ހޯދައިދިނުމެވެ.