ޚަބަރުސިޔާސީ

އެކަކު އަނެކަކަށް އިތުބާރު ނުކުރާނަމަ, ކޮށްދެވޭނެ ހިދުމަތެއް ނޯންނާނެ: ފަހުމީ

މަސައްކަތުގެ މާޙައުލުގައި އެކަކު އަނެކަކަށް އިތުބާރު ނުކުރާނަމަ ކޮށްދެވޭނެ ޚިދުމަތެއް ނޯންނާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ޚިދުމަތްދޭ އިންޖީނުގެތަކުގެ ވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހިންގުމާއި ހުނަރު ތަރައްޤީ ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ، މަސައްކަތުގެ މާޙައުލުގައި ވެރިޔަކަށް އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އިތުބާރު ނުކުރެވޭނަމަ އެމީހުން އެ މަޤާމުގައި ބައިތިއްބަން ބޭނުން ނުވާނެ ކަމަށާއި، އަދި މުވައްޒަފުންނަށް ވެރިމީހާއަށް އިތުބާރު ނުކުރެވޭނަމަ އެކަށޭނަ މަސައްކަތެއްވެސް ނުކުރެވޭނެ ކަމަށެވެ.

”ކިޔަވައިގެން ކިތަންމެ މޮޅަށް ހުއްޓަސް، އަޅުގަނޑު ޤަބޫލެއް ނުކުރަން ކުރެވޭނެ ކަމެއް އޮންނާނޭ. އެކަކު އަނެކަކަށް އިތުބާރު ނުކުރަންޔާ އޭނަ އެ މަޤާމެއްގަ ބަހައްޓާކަށް ބޭނުމެއް ނުވާނެ ވެރިއަކަށް ހުންނަ މީހަކު. އޭނަގެ އަސްލު ބޭނުމެއް ނުވެސް ހިފޭނެ. އޭނާގެ ވެރިމީހާ އޭނައަށް އިތުބާރު ނުކުރަންޔާ. އަދި އޭނަގެ ދަށުން ތިބޭ، ވެރިމީގެ ދަށުން ތިބޭ މީހުންނަށް ވެރިމީހާއަށް އިތުބާރު ނުކުރެވެންޏާ ދަށުންތިބޭ މީހުންނަކަށް މަސައްކަތެއްވެސް ނުކުރެވޭނެ. ކޮށްދެވޭނެ ޚިދުމަތެއްވެސް ނޯންނާނެ އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ“ ފަހުމީ ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ކުރިއަށް މި ގެންދެވުނު ޕްރޮގްރާމްގެ އެންމެ ބޮޑު މަޤުޞަދަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އޮތް ދެދޭ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އިތުބާރުކުރަން ދަސްކޮށްދީ، އެކަކު އަނެކަކަށް އިތުބާރު ހިފޭނެ މާޙައުލެއް ޤާއިމްކޮށްދިނުން ކަމަށެވެ. އަދި މި ޕްރޮގްރާމުން އެކަން ޙާޞިލްވެފައިވާ މަންޒަރު ފެނިގެންގޮސްފައިވާކަން ފަހުމީ ވިދާޅުވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ސްޓެލްކޯއިން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް 37 ބައިވެރިން ފުރިހަމަކޮށްފައިވާއިރު، މި ޕްރޮގްރާމްގައި ސްޓެލްކޯގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާއި، ހިންގުމުގެ ހުނަރުތަކާއި ގުޅޭގޮތުން ސެޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button