ޚަބަރު

އިމާމުންނަށްދޭ ޕީއެޗްޑީގެ ފުރުސަތު 2 މަހެއްހާ ދުވަހުގެ ތެރޭ އިއުލާން ކުރާނެ

އިމާމުންނަށްދޭ ޕީއެޗްޑީގެ ފުރުސަތު 2 މަހެއްހާ ދުވަހުގެ ތެރޭ އިއުލާން ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

 

ކުރިއަށްއޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ޕީއެޗްޑީއަށް ކިޔަވަންދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ޓަކައި އިއުލާން ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މި ފުރުސަތަކީ، އިމާމުން ތަމްރީނުކުރުމުގެ ބޭނުމުގައި ދޫކުރާ ފުރުސަތުތަކެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިމާމުން ފޮނުވާނެ ޤައުމުތަކުގެ ތެރޭގައި އިންޑޮނޭޝިއާ، މެލޭޝިއާ، ބްރޫނާއީ ފަދަ ގައުމުތައް ހިމެނޭ. އަދި ސައުދީ ޢަރަބިއްޔާގެ ބައެއް އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު މަޝްވަރާކޮށް އެޤައުމުތަކަށް ފޮނުވޭނެ“
ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް  ވިދާޅުވީ، ރާއްޖޭގެ އެކި މިސްކިތްތަކުގެ އިމާމުންގެ ތެރެއިން އިތުރަށް ތަމްރީނު ހާސިލްކުރަން ބޭނުންފުޅުވާ އިމާމުން އެބަތިބިކަމަށެވެ. އެގޮތުން، ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތަށް 11 އިމާމަކު ޝައުގުވެރިކަން ފާހަގަ ކުރައްވާފައިވާކަމަށް ވަޒީރު މައުލޫމާތު ދެއްވިއެވެ. އަދި، ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އިމާމުން ކުރިއަށް ދާން ބޭނުންވަނީ އެކި ދާއިރާއިން ކުރިއަށްދާން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިމާމުން ކުރިއަށްދާން ބޭނުންފުޅުވާ ދާއިރާތަކުގެ ތެރޭގައި، ޝަރުއީ ދާއިރާއާ އަދި އިސްލާމީ އިލްމުގެ ދާއިރާ ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ރާއްޖޭގައި އިމާމުކަން ކުރަމުންދާ ބައެއް ފަރާތްތަކުން ބޭނުންވަނީ އަމިއްލަ ގޭގައި އާއިލާއާއެކު ތައުލީމު ހާސިލްކުރެވޭނެ މަގުފަހިވުންކަމަށް އެމަނިކުފާނު މައުލޫމާތުދެއްވިއެވެ. އެހެންކަމުން، އެ އިމާމުންނަށް އަމިއްލަ ގޭގައި ތިބެގެން ތައުލީމު ހާސިލްކުރެވޭނެ މަގު ފަހިކޮށްދިނުމަށް ޓަކައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއާއި އަދި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއެކު މަޝްވަރާކުރުންތައް ބާއްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ މަޝްވަރާތަކުގެ ތެރޭގައި އިމާމުންނަށް މާސްޓަރސް އަދި އެއަށްވުރެއް މަތީ ކޯސްތައް ދިނުމަށްވެސް މަޝްވަރާ ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަޅުގަނޑުމެން ބޭނުންވަނީ އިމާމުން، ރާއްޖެއިން ބޭރުގެ ތަމްރީނުތައް ވެސް ފުރިހަމަކުރުން“
ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ރާއްޖޭގައި ތިބި އިމާމުންނަކީ އިލްމީގޮތުން ގާބިލް ބަޔަކަށް ވާންޖެހޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގައި ޕީއެޗްޑީފެންވަރަށް ކިޔަވާފައިވާ އިމާމުން ގިނަކުރުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަ ކުރައްވާފައިވެއެވެ.

އޭގެ އިތުރުން، ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން  ރާއްޖޭގައި ތިބި އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމެއް މިދިޔަ މަހުގެ 30 ވަނަ ދުވަހު ފަށާފައިވެއެވެ. ނުވަ މާއްދާއެއް ހިމެނޭގޮތަށް އިމާމުން ތާޒާކުރުމަށް ކުރިއަށްގެންދާ އެ ޕްރޮގުރާމުގައި އިމާމުންނަށް ޑިޕްލޮމާ ލެވެލްގައި ލިބޭ މައުލޫމާތަށްވުރެ އެތައް ގުނަ ފުރިހަމަ މައުލޫމާތުތަކެއް ދެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button