މާލޭގެ ރައްޔިތުންނަށް ގޯތި ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ޖަވާބުދެއްވުމުގެ ގޮތުން، ރައީސް އޮފީހުން ކުރިއަށް ގެންދާ ”ރައީސްގެ ޖަވާބު“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލެ ސިޓީ، ހ.މެލްބާން، އިބްރާހީމް ސަމާހު ކުރި ސުވާލުގައި ކުރީގެ ސަރުކާރު ނިމުނު އިރު ގުޅީފަޅާއި ގިރާވަރު ފަދަ ތަންތަނުން ގޯތި ދޫކޮށްފައި ވާއިރު، އެއީ 10،000 އެއްހާ މީހުންގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށެވެ. އެކަމަކު، ސަރުކާރު ބަދަލުވި ފަހުން، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފު ނުވާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިބްރާހީމް ސަމާހުގެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ، ގުޅީފަޅުންނާއި ގިރާވަރު ފަޅުން ވެސް ގޯތި ދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ލިޔުންތަކާ ރަޖިސްޓަރީތައް ތައްޔާރުކުރެވެމުންދާ ކަމަށެވެ. އަދި ނުހިއްކާ ހުރި ސަރަހައްދުތަކުން ދޫކޮށްފައިވާ ގޯތިތަކަށް ވަގުތީ ލިޔުމެއް ތައްޔާރުކޮށް ދެވޭނެކަމަށެވެ. އެއީ ގޯތި ލިބިފައިވާކަން ޔަގީން ކުރެވޭވަރުގެ ލިޔުމެއްކަމާއި، ގާނޫނީ ގޮތުން ރަޖިސްޓަރީއެއް ހެދެނީ ނުވަތަ ރަޖިސްޓަރީ ކުރެވެނީ ހިއްކާފައިވާ ބިމަކަށްވާނަމަ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
”ނުހިއްކާ އޮތް ސަރަހައްދުތަކުން ދޫކޮށްފައިވާ ގޯތިތަކަށް ދެނީ ވަގުތީ ލިޔުން، ގާނޫނީ ގޮތުން ރަޖިސްޓްރީއެއް މި ހެއްދެނީ ބިން ހިއްކުނީމަ. ނަމަވެސް ގޯތި ލިބުނު ކަމުގެ ޔަގީންކަން ކަށަވަރުވާ ވަރުގެ ލިއުމެއް ދޫކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އެއްވެސް މީހަކު ބާކީ ކުރުމެއްނެތި، ހުރިހާ އެންމެންނަށް ވެސް ގޯތި ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.