ޚަބަރުސިޔާސީ

ވިޝާމު އަވަހާރަވުމުން ގެއްލިގެންދިޔައީ ހިދުމަތްތެރި ތައުލީމީ ޒުވާނެއް: ރައީސުލްޖުމްހޫރިއްޔާ

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސް އިސްމާއީލު ވިޝާމު އަވަހާރަވުމުން ޤައުމަށް ގެއްލިގެންދިޔައީ ޚިދުމަތްތެރި ތައުލީމީ ޒުވާނެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

ކުއްލި ގޮތަކަށް މިރޭ ވިޝާމު އަވަހާރަވެފައިވަނިކޮށް ފެނުނީ އޭނާ ދިރިއުޅުއްވާ ގެކޮޅުންނެވެ. އޭނާ އަވަހާރަވީ ކިހިނެއްކަން މިހާތަނަށް އެނގިފައެއްނުވެއެވެ. ވިޝާމު އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެންކަމަށް މައުލޫމާތު ލިބެއެވެ.

 

ބާ ކައުންސިލުގެ ހިންގާ ކޮމިޓީގެ ދެވަނަ ދައުރުގައި ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ވިޝާމަކީ ޤާނޫނީ ފަންނުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މެދުގައި މަޤުބޫލު އިލްމީ ބޭފުޅެކެވެ.

 

ދިވެހިރާއްޖޭގެ ބަންޑާރަނައިބުގެ އޮފީހުގައި މަތީ ފަންތީގެ މަޤާމުތައް އަދާކުރެއްވި ވިޝާމަކީ އޭނާގެ އަމިއްލަ ލޯ ފާމެއް އުފައްދަވައިގެން ޤާނޫނީ ފަންނުގެ ދާއިރާގައި އަހަރުތަކެއް މަސައްކަތްކުރައްވާފައިވާ، ރާއްޖޭގެ އެންމެ ޤާބިލު ވަކީލުންގެ ތެރޭގައި ގުނައިލެވޭ ބޭފުޅެކެވެ. ވިޝާމު އަވަހާރަވުމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ވިޝާމު އަވަހާރަވުމަކީ ޤާނޫނީ ފަންނުގެ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް ކަމަށެވެ. އަދި އޭނާ އަވަހާރަވުމުން ޤައުމަށް ގެއްލުނީ ޚިދުމަތްތެރި ތައުލީމީ ޒުވާނެއް ކަމަށެވެ.

 

ވިޝާމު އަވަހާރަވުމަކީ ޤައުމީ ހިތާމައިގެ ދަނޑިވަޅެއްގެ ގޮތުގައި ސިފަކުރައްވައި ރައީސްވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި ބާ ކައުންސިލުގެ ހުރިހާ ވަކީލުންނަށް ވެސް އެމަނިކުފާނު ތައުޒިޔާ ރައްދުކުރެއްވިއެވެ.

”މަރްޙޫމް އިސްމާޢީލް ވިޝާމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. އަދި ކީރިތިﷲގެ ރުއްސެވުމާ ފުއްސެވުމުގައި މަރުޙޫމް އިސްމާޢީލް ވިޝާމް ލަހައްޓަވައި އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި،“ ރައީސްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

މިރޭ ވިޝާމު އަވަހާރަވިއިރު އޭނާގެ އުމުރުފުޅަކީ 39 އަހަރެވެ. އޭނާގެ ތުއްޕުޅު އަންހެން ބޭފުޅަކު ހުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button