ޚަބަރުސިޔާސީ

ރަސްމާލޭގައި 15،000 ހައުސިން ޔުނިޓު އެޅުމަށް ނިންމައިފި

ހިޔާ ފްލެޓުތައް އެޅި ޗައިނާގެ ކުންފުނީގެ ހުށައެޅުމަށް، މި ސަރުކާރުން އަލަށް ތަރައްގީ ކުރާ ރަސްމާލޭގައި 15،000 ހައުސިން ޔުނިޓު އެޅުމަށް، ނިންމައިފިއެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އިން ރަސްމާލޭގައި 15،000 ހައުސިން ޔުނިޓް އެޅުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިކޮނޮމިކް ކައުންސިލުން ވަނީ، ހައުސިން މިނިސްޓްރީ އާއި އިންފްރަސްޓްރަކްޗާ މިނިސްޓްރީ ގުޅިގެން ކޮސްޓާއި ކޮލިޓީއާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރުމަށް ނިންމާފައެވެ.

ފުށިދިއްގަރު ފަޅު ހިއްކައި، ރަސްމާލޭގެ ނަމުގައި ތަރައްގީކުރަން 1،153 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖައްސާފައެވެ. މިހާތަނަށް 10 ހެކްޓަރު ހިއްކައި އިތުރު 29 ހެކްޓަރު ހިއްކަން ބަންޑެލް ވޯލް ޖަހާފައިވާކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހައުސިން ޕްރޮޖެކްޓުގައި ބޭނުންކުރާނެ ޓެކްނޮލޮޖީ ބެލުމަށް ރާއްޖޭގެ ވަފުދެއް ޗައިނާއަށް ދާނެއެވެ. އެ ފަރާތުން މިހާރު ހުށަހަޅާފައިވާ މައުލޫމާތަށް ބަލާއިރު، އެ ޓެކްނޮލޮޖީން ދެ އަހަރާ ބައިގެ ތެރޭގައި 12،000 ހައުސިން ޔުނިޓު އަޅައި ނިންމާލެވޭނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

އެ ބިން ހިއްކަން ޑިސެމްބަރު 18، 2023 ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގޯއްޗާއި ފްލެޓު ހިމެނޭގޮތަށް، ރަސްމާލޭގައި 65،000 ހައުސިން މަޝްރޫއު ކުރިއަށްގެންދާނެ ކަމަށް އިއުލާންކުރައްވާފައެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސިވިލް މެރީން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)ންނެވެ. އެ މަޝްރޫއަށް ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް، ބަދަލުގައި އެ ކުންފުންޏަށް ދެނީ 70 ހެކްޓަރުގެ ބިމެކެވެ. އެއީ ރަސްމާލެއިން 60 އަދި ހުޅުމާލެއިން 10 ހެކްޓަރުގެ ބިމެވެ.

މުއްތަލިބް މީގެ ކުރިން ވިދާޅުވީ ފުށިދިއްގަރުފަަޅު ހިއްކަން 700 މިލިއަން ޑޮލަރު (10.7 ބިލިއަން ރުފިޔާ)އަށް ވުރެ ބޮޑު ހަރަދެއް ކޮންޓްރެކްޓަރުގެ އަތުން ހިނގާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button