މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީން ހޮވޭ ބޭފުޅުންނާއެކު އެންމެންވެސް ގުޅިގެން މަސައްކަތްކޮށްގެން ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބުކޮށްދިނުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގަތީ އަތޮޅުތަކުގެ ފޮށިތައް ބެހެއްޓިފައިވާ ހެންވޭރު ދަނޑަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި އިންތިހާބަކީ ހުރިހާ ކެންޑިޑޭޓުންނަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށްދާ އިންތިހާބެއް ކަމަށާއި، ޕްރައިމަރީން ނާކާމިޔާބު ވިޔަސް ހޮވޭ ބޭފުޅުންނާއެކު އެންމެން މަސައްކަތް ކުރުމަށެވެ.
”އުންމީދަކީ އެންމެން އެކައްޗަކަށް ވެގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށް، މަޖިލިސް އިންތިހާބުން އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވިގެން ދިއުން.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ބައެއް ދާއިރާތަކުގެ ލިސްޓަށް ބަދަލުތަކެއް ގެނެސްފައިވާ ކަމުގެ ތުހުމަތު ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕަށް އަމާޒުވެފައިވާ މައްސަލައަށް ރިއާޔަތްކުރައްވައި ރައީސް ވިދާޅުވީ އެފަދަ ކަމެއް ލީޑަޝިޕް ބޭފުޅުން ކުރައްވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި، އެހެން ނަމަވެސް ޝަކުވާއެއް ހުށަހެޅުނީމަ އެކަން ނުބައްލަވައި ދޫކޮށްނުލައްވާނެ ކަމުގައެވެ.
”ހަމަ އެންމެނަށްވެސް ހަމަހަމަކޮށް އޮންނާނީ. ހުށަހެޅޭ ޝަކުވާއެއް ވެއްޖެއްޔާ ބަލާނަން.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ޕްރައިމަރީ އިންސާފުވެރިކޮށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން އަރުވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ ތާއީދާއެކު 62 ގޮނޑި ކާމިޔާބުކޮށް ޕީޕީއެމް ޕީއެންސީން އިންތިހާބުގެ މެޖޯރިޓީ ނަންގަވާނެކަމުގައެވެ.