ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ސިޔާސަތާއި އެއްގޮތަށް ކަންކަން ރާވައިފިނަމަ ރާއްޖޭގެ އެކިއެކި މަޝްރޫއުތަކަށް އިތުރު އެހީ ލިބޭނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވަންގް ލިޒިން މިއަދު ވިދާޅުވެއްޖެއެވެ.
ޗައިނާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޗައިނާގެ ސަފީރު ވަންގް ލިޒިން ވެސް ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.
ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގުޅުމާއި ބެހޭގޮތުން ވަންގް ލިޒިން ވެސް ޗައިނާގެ މީޑިއާއަށް އިންޓަވިއުއެއް ދެއްވާފައިވެއެވެ. އެގޮތުން، ސީޖީޓީއެންއަށް ދެއްވި އިންޓަރވިއުއެއްގައި އެބޭފުޅާ ވިދާޅުވީ، ޗައިނާއާ ރާއްޖެއާއި ދެމެދު އޮންނަ އަހުވަންތަކަމުގެ ގުޅުމުގެ އަސްލަކީ މައިގަނޑު ގޮތެއްގައި 3 ކަމެއް ކަމަށެވެ.
އެގޮތުން، އޭގެތެރެއިން އެންމެ މުހިއްމު ކަމަކީ 2 ގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ އަސްލަކީ ސިޔާސީގޮތުން 2 ގައުމުގެ ދޭތެރޭގައި އޮތް އިތުބާރުކަމަށް ލިޒިން ފާހަގަކުރެއްވިއެވެ. އަދި، ކުރިއަށް އޮތް ތަނުގައިވެސް ޗައިނާ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ރާއްޖޭގެ ކަންކަން ބައްޓަން ކުރުމުން ދިވެހިންނަށް ފައިދާކުރުވަނިވި އެހެން މަޝްރޫއުތަކުގައިވެސް ޗައިނާ ސަރުކާރުގެ އެހީ ލިބިގެންދާނެކަމަށް ލިޒިން ވިދާޅުވެފައިވެއެވެ.
2 ގައުމުގެ ދެމެދު ބޭއްވުނު ބައްދަލުވުމަކީ 2 ގައުމު އިތުރަށް ގާތްކޮށްދިން ކަމެއްކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ވެރިންވަނީ މި ބަދަހި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ސްޓްރެޓެޖިކް ކޯޕަރޭޝަނާއި، ޕާޓްނާޝިޕްގެ ގޮތުން މަސައްކަތް ކުރުމަށް އިއުލާންކޮށްފައި“ ޗައިނާގެ ސަފީރު ވަންގް ލިޒިން ވިދާޅުވިއެވެ.
ލިޒިން ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ކުރެވޭ މުއާމަލާތަކީ ވަރަށް މުހިއްމު ރޯލެއް އަދާކުރާ ކަމެއް ކަމަށެވެ. އެގޮތުން ރާއްޖެއާއި ޗައިނާއާއި ދެމެދު ކަންކަމުގައި މުހިއްމު މަޝްވަރާތަކާއި މުއާމަލާތްތައް ހިންގޭކަމަށް ލިޒިން ވިދާޅުވިއެވެ. އަދި އެ ކަންކަން ކުރަމުން އަންނަ ކަމުގައި ވަނީނަމަ، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުނުން ހީނަރުވިޔަ ނުދީ އެކިއެކި ކާމިޔާބީ ހޯދުމަށް ހުޅުވޭ ދޮރަކަށް 2 ގައުމުގެ ގުޅުން ވެގެން ހިނގައިދާނެކަމަށް ލިޒިން ވިދާޅުވެފައިވެއެވެ.