ޚަބަރުސިޔާސީ

”ގެދޮރުވެރިޔާ“ ސްކީމުގެ މާކްސް ދިން ގޮތާ ގުޅިގެން އޭސީސީއިން ކުރަމުންދާ ތަހުގީގު ނިންމުމަށް މަސައްކަތް ކުރަނީ: އޭސީސީ

”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ދޫކުރާ 4،000 ފްލެޓަށް މާކްސް ދިން ގޮތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ތަހުގީގު ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީން ބުނާގޮތުގައި އެ މައްސަލާގައި އަދިވެސް ކުރިޔަށްދަނީ އެކަމާއި ގުޅުންހުރި ފަރާތްތައް ހާޒިރުކޮށްގެން ބަޔާން ނެގުމުގެ މަސައްކަތެވެ. ވީ އެންމެ އަވަހަށް އެކަންތައް ނިންމަން ތަހުގީގު ޓީމުން މަސައްކަތް ކުރަމުންދާ ކަމަށާއި  ތަހުޤީގު ނިމޭނެ ވަކި ދުވަހެއް ބުނަން ނޭނގޭ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ފްލެޓު މައްސަލާގައި މިދިޔަ އަހަރުގެ ނޮވެންބަރު މަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އޭސީސީ ހާޒިރުކޮށް ސުވާލު ކުރުމުން އެ ކޮމިޝަނުން ވަނީ، ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފުލެޓަށް އެދުނު މީހުންގެ ތެރެއިން އެ ޕޯޓަލްއިން އޮޓޯއިން ޕޮއިންޓު ދިނުމުން ޝަރުތު ހަމަނުވާ މީހުންނަށް ލިބުނު ޕޮއިންޓު ބަދަލުކޮށް ފުލެޓު ދީފައިވާކަން ފާހަގަކުރެވިފައި ކަމަށް ބުނެފައެވެ.

ހައުސިން މިނިސްޓްރީގެ ގެދޮރުވެރިޔާ ޕޯޓަލަށް ހުރިހާ ލިޔެކިޔުންތައް އަޕްލޯޑުކުރުމުން، ލިޔެކިޔުންތަކާއި ހުށަހަޅާފައިވާ މައުލޫމާތު ވަޒަންކޮށް އޮޓޯއިން މާކުސް ޖެނެރޭޓުކުރެއެވެ.

ކޮމިޓީ ބައްދަލުވުމުގައި އޭސީސީގެ ނައިބުރައީސް ޢަބްދުއްސަލާމް ވިދާޅުވެފައިވާ ގޮތުގައި އެ ޕޯޓަލްއިން ޖެނެރޭޓުކުރާ ޕޮއިންޓު އެޕްރޫވުކުރުމަށް ނުވަތަ އެ އެޕްރޫވުކުރުން ޕްރޮސެސްކުރަން ތިއްބެވި ބޭފުޅުން އެ މާކުސްތަކަށް ހުރީ ބަދަލު ގެނެސްފައެވެ.

އަދި ޕޯޓަލްއަށް ހުށަހަޅާފައިވާ ލިޔުންތަކުން އެމީހަކީ މާލޭގައި ދިރިނޫޅޭ މީހެއްކަން ކަށަވަރުވާ އިރުވެސް ގިނަ މާކުސް ދިނުމަށްފަހު އެފަދަ މީހުންނަށް ވެސް ފުލެޓު ދީފައި ހުރިކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button