ޚަބަރުސިޔާސީ

މާލޭ ޖަލު ބަންދުކޮށްފި!

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތާ އިންވެގެން ހުންނަ މާލޭ ޖަލުގައި ތިބި ގައިދީން ނެރެ އެތަން ބަންދުކޮށްފިއެވެ.

ވިލާ ކޮލެޖު ކުރިމަތީގައި ހުންނަ ދަރުމަވަންތަ ސްކޫލާ އިންވެގެން މާލޭ ޖަލު ހުރުމާ ގުޅިގެން ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ނޭދެވޭ އަސަރުތަކެއް ކުރާތީ އެ ޖަލު ހުސްކުރަން މިދިޔަ އަހަރު ވަނީ އަންގާފައެވެ.

ޖަލު ހުސްކޮށް އެތަން ބަންދުކޮށްފައިވާކަން އަންގައި ކަރެކްޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޖަލު ބަންދުކުރަން ނިންމީ އެ ޖަލާ އިންވެގެން ހުންނަ ދަރުމަވަންތަ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ނޭދެވޭ އަސަރުކުރަމުން ދާތީކަމަށެވެ.

ޖަލު ބަންދުކުރި ނަމަވެސް އާންމުންނަށް ފޯރުކޮށްދެމުން ދިޔަ ހިދުމަތްތައް މި މަހުގެ 12އާ ހަމަޔަށް އެ އިމާރާތުގެ ކައުންޓަރުން ލިބެމުންދާނެކަމަށް ވަނީ އަންގާފައެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކަރެކްޝަންސްގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު އާސިފް މިދިޔަ މަހު ވަނީ ވިދާޅުވެފައެވެ.

އޭނާ އޭރު ވިދާޅުވި ގޮތުން މާލޭ ޖަލުގައި ތިބި ގައިދީން ހުސްކޮށް ބަދަލުކުރަން ނިންމާފައި ވަނީ މާފުށީ ޖަލުގައި ހުރި ބައެއް ޔުނިޓުތަކަށް ބަދަލު ގެނެސް މާފުށީ ޖަލުންނާއި އައްސޭރި ޖަލުން ޖާގަ ހަދައިގެން އެތަންތަނަށެވެ.

ދަނާލު ފުރަގަހުގައި ހުންނަ ކަރެކްޝަންސްގެ އެނެކްސް ވަންގެ އިމާރާތަށް ބައެއް ބަދަލުތައް ގެނެސް ކޯޓަށާއި ސިއްހީ ފަރުވާއަށް މާލެ ގެންނަ ގައިދީން އެތަނުގައި ބޭތިއްބުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އާސިފް އޭރު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި ވެސް މާލެ ޖަލު ހުސްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށް އޮތީ ބުނެފައެވެ. އޭރުގެ ކޮމިޝަނަރު އޮފް ކަރެކްޝަންސް އަހުމަދު މުހައްމަދުފުޅު އެ އަހަރުގެ މާޗު މަހުގެ ތެރޭގައި ވިދާޅުވި ގޮތުން ޖަލު ހުސްކުރުމުގެ މަސައްކަތް 2022ވަނަ އަހަރުން ފެށިގެން ދިޔައީ ކުރަމުންނެވެ. ނަމަވެސް ވެރިކަން ބަދަލުވުމާ ހަމަޔަށް ވެސް އެކަން އޮތީ ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button