ރިޓަޔަރ ވެފައިވާ ފަރާތްތަކަށް ކޮންޓްރެކްޓް އުސޫލުން ހިދުމަތް ކުރެވޭނެ
ސިއްޚީ ހިދުމަތްތެރީންގެ ތެރެއިން ރިޓަޔަރ ވެފައިވާ ފަރާތްތަކަށް ކޮންޓްރެކްޓް އުސޫލުން އެ ދާއިރާ އަށް ހިދުމަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ އުސޫލުން ހިދުމަތް ކުރެވޭނެ ގޮތް ހެދުމަށް ސަރުކާރުން ނިންމައިފިއެވެ.
ހިދުމަތާއި ދުރަށް ގޮސްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރުން މިހާރަށް ވަޒީފާ އަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދެއްވުމުގެ ގޮތުން ސިއްހީ ދާއިރާއަށް ހާއްސަ އުސޫލެއްގެ ދަށުން ރެކްރޫމަންޓް ޕްރޮސެސްގެ ތެރެއިން މިފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ފްލެކްސިބަލް ވޯކިން ގަޑި ތައާރަފްކޮށް އަށް ގަޑިއިރަށް ވުރެ މަދުން މަސައްކަތް ކުރަން ބޭނުންވާ މުވައްޒަފުންނަށް ދެއްވާނެ އުޖޫރައެއް ކަނޑައަޅައި ސިވިލް ސާވިސްގެ ގަވައިދުގެ ދަށުން އެކަން ވެސް ފަހިކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ރިޓަޔާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އަލުން ނުކުންނަން ބޭނުންވާ ފަރާތްތަކަކީ ސިއްހީ ގޮތުންނާއި ތައުލީމީ ގޮތުން ގާބިލް ފަރާތެއް ކަމުގައިވާ ނަމަ، ކޮންޓްރެކްޓް އުސޫޅުން މަސައްކަތް ކުރުމުގެ ފުރުސަތު އެބޭފުޅުންނަށް ދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.