ޚަބަރުސިޔާސީ

އިނގިލި ބުރިކޮށްލިޔަސް އަޅުގަނޑު އަޒުލުކުރަން ވޯޓު ނުދެއްވާނެ މެންބަރުން އެމްޑީޕީގައި ތިއްބަވާނެ: ރައީސް

ރައީސް މަގާމުން އަޒުލު ކުރަން އެމްޑީޕީން ނެގުމަށް ތައްޔާރުވަމުންދާ ވޯޓުގައި، އިނގިލި ބުރިކޮށްލިޔަސް އެމަނިކުފާނާ ދެކޮޅަށް ވޯޓު ނުދެއްވާނެ މަޖިލިސް މެންބަރުން އެޕާޓީގައި އެބަތިއްބެވިކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕްރޮގްރެސިވް ކޮންގުރެސް އިން ރޭ ދަރުބާރުގޭގައި ބޭއްވި ”ފެށުން“ ޖަލްސާގައި، އެމްޑީޕީ ދޫކުރައްވައި އެކޯލިޝަނާ ގުޅިވަޑައިގެންނެވި 13 މަޖިލިސް މެންބަރުންގެ މެންބަރޝިޕު ފޯމާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

އޭގެ އިތުރަށް ރައީސް ވިދާޅުވެފައިވަނީ

”އަޅުގަނޑު ޔަގީންކުރަނީ ތިޔަ ބޭފުޅުން ތިނިންމެވި ނިންމެވުމާ އެކީގައި ހިތްވަރު ލިބިގެން އަދިވެސް ގިނަ މަޖިލިސް މެންބަރުން މިސަފަށް، ގައުމީ ސަފަށް އަރުއްވާނެ ކަމަށް. މަޖިލިސް [ކެބިނެޓު މިނިސްޓަރުންގެ] ރުހުމުގެ ވޯޓުގައި ވިޔަސް، އަދި ގައިމުވެސް އަޅުގަނޑާ ދެކޮޅަށް ނަގަން އެ މަސައްކަތްކުރާ ވޯޓުގައި އިނގިލި ބުރިކޮށްލިޔަސް ވޯޓު ނުދެއްވާނެ އެމްޑީޕީގެ މަޖިލިސް މެންބަރުން އެބަތިއްބެވި.“ ރައީސް ވިދާޅުވިއެވެ.

އެމްޑީޕީންވަނީ ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގެ އުސޫލުތައް ލުއިކޮށް، އެ ޕާޓީގައި ކުރިން އޮތް އަޣުލަބިއްޔަތު ބޭނުންކޮށްގެން ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފަ އެވެ. އަދި ބަދަލު ގެނެސްފައިވަނިކޮށް، އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވައި ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު އެމްޑީޕީ ދޫކުރައްވައި ކޮންގުރެސް ޕާޓީއާ ގުޅިވަޑައިގަތުމާއެކު، ދެން އިތުބާރުނެތްކަމަށް އެމްޑީޕީގެ މެންބަރުން އެކަނި ވޯޓު ދީގެން ފާހެއް ނުކުރެވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button