ޚަބަރު

ފެނަކައިން ކުރާ ހަރަދުން ފަސް މިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެ!

ފެނަކައިގެ ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކޮށް ދޫކޮށްލުމުން، މުސާރައަށް ކުންފުނިން ކުރާ ހަރަދުން ފަސް މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް އެ ކުންފުނީގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

 

ދިވެހި ސަރުކާރު ބަދަލުވެ، ކުންފުނިތަކުގެ އިސް މަގާމުތަކަށް އައި ބަދަލާއެކު ފެނަކައިން ވަނީ 904 މުވައްޒަފުންގެ ކޮންޓްރެކްޓު އައު ނުކުރުމަށް ނިންމާފައެވެ. އެކަމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އެއީ މަސައްކަތް ކުރިއަށްނުދާ މަޝްރޫއުތައް ނުވަތަ ނިމިފައިވާ މަޝްރޫއުތަކުގެ މުވައްޒަފުން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުންފުނީގެ އެމްޑީ މުއާޒް ވިދާޅުވީ ފެނަކައިގެ ޖުމްލަ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، އޭގެ އިތުރުން އޮތް އަނެއް މައްސަލައަކީ ބޭނުންވާ ވަރަށްވުރެ އިތުރަށް މުވައްޒަފުން ތިބިކަމެވެ.
2018ވަނަ އަހަރު ނިމުނު އިރު 2700 މުވައްޒަފުން އެ ކުންފުނީގައި ތިބި އިރު، މިދިޔަ މަހު އައު ސަރުކާރު ހަވާލުވިއިރު 8100 މުވައްޒަފުން އެ ކުންފުނީގައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ، ކުރީ ސަރުކާރުން ވަޒީފާ ހަމަޖަައްސާފައިވާ 5،400 މުވައްޒަފުންގެ އިތުރުވުމެކެވެ.
”މިއީ މީގެ ކުރީގައި 20 މިލިއަން ރުފިޔާ އެވްރެޖް ގޮތެއްގައި މަހު ވޭޖަށް ހަރަދު ކުރަމުންދިޔަ ކުންފުންޏެއް، މިހާރު އަޅުގަނޑުމެން  74 މިލިއަން ރުފިޔާ އެވްރެޖްކޮށް އެބަ ހޭދަކުރަންޖެހޭ މަހަކަށް،“ މުވައްޒަފުންގެ މުސާރައަށް މިހާރު ކުރަންޖެހޭ ހަރަދާ ބެހޭގޮތުން މުއާޒް ވިދާޅުވިއެވެ.
”އެހެންވީމަ ވަރަށް ބޮޑު އަދަދެއް އިތުރުވެފަ މިއޮތީ. 74 މިލިއަން ރުފިޔާ އެވްރެޖް ގޮތެއްގައި ހަރަދުވާއިރު  އަޅުގަނޑުމެން ހަވާލުވިތާ އަދި މަހެއްވެސް ނުވޭ އަޅުގަނޑުމެން ހޭދަކުރިން އެންމެ ފަހުން މުސާރަ ދިން އިރުވެސް 79 މިލިއަން ރުފިޔާ.“
މުވައްޒަފުންގެ މުސާރައަށް އެކަނި 79 މިލިއަން ހަރަދުކުރުމަކީ ކުންފުނި އޮތް ހާލަތުން ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް އޭނާ ވިދާޅުވީ ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކޮށް ދޫކޮށްލަން ޖެހުނީ އެހެންވެ ކަމަށެވެ.
”އަޅުގަނޑުމެންނަށް މަޖުބޫރުވީ ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓުތައް އައު ނުކޮށް ދޫކުރަން. އެ މަޖުބޫރުވާ ސަބަބުތަަކަކީ އެ ޕްރޮޖެކްޓުތަކަކީ އެކަށީގެންވާ ގޮތަށް ހިނގަމުންދާ ޕްރޮޖެކްޓުތަކަށް ނުވާތީއާއި ޕޭރޯލް ކުޑަކުރަން މަޖުބޫރުވާތީ،“ މުއާޒް ވިދާޅުވިއެވެ.
މުއާޒް ފެނަކައިގެ އެމްޑީގެ މަގާމަށް އައްޔަންކުރި ފަހުން މުވައްޒަފުންގެ ޕޭރޯލަށް ހަރަދުކުރާ ފައިސާއިން މިހާތަނަށް ވަނީ ފަސް މިލިއަން ރުފިޔާ މަދުކޮށްފައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button